ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން "އެކްސް"ގައި ކޮމެންޓުކުރިކަމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓު އައިޝަތު ޝިމަން އަހްމަދުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފެހެއްޓުމަށްފަހު، ފޯނުން ގިނައިން ބަލާފައިވަނީ ފޮޓޯއާއި ވީޑިއޯކަމަށް ތުހުމަތުކޮށްފިއެވެ.
ޝިމަންގެ ފޯނު ހިފަހައްޓަން އަމުރު ނެރެފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ. ފުލުހުން އެ ފޯނު އަނބުރާ ޝިމަންއާ ހަވާލުކޮށްފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ވަގުތެއްގައެވެ.
ޝިމަންގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރާ އައިކް އަހުމަދު އީސާ އެކްސްގައި މިދިޔަ އާދިއްތަ ދުވަހުކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ފުލުހުން ވަނީ ޝިމަންގެ ފޯނުގެ ގޫގުލް ފޮޓޯ އެޕް 33 މިނިޓް ވަންދެން ބޭނުންކޮށްފައި ކަމަށެވެ. ގޫގުލް ފޮޓޯއަކީ ފޯނުގައި ހުންނަ ފޮޓޯތަކާއި ވީޑިއޯތައް ރައްކާތެރިކޮށްދޭ ބެކަޕެކެވެ.
އައިކްވަނީ ޝިމަންގެ ފޯނުގެ ބެޓްރީ ޔޫސޭޖް ފެންނަ ސްކްރީން ޝޮޓެއްވެސް ހިއްސާކޮށްފައެވެ. އެ ސްކްރީން ޝޮޓުން ފެންނަ ގޮތުގައި އެކްސްއާއި މެސެޖު އަދި ޓެލެގްރާމް އެޕު ބަލައިފައިވެއެވެ. ޝިމަންގެ ފޯނުގެ މެސެޖުތައް ބެލުމަށް 16 މިނިޓް ހޭދަކޮށްފައިވާކަމަށް ސްކްރީން ޝޮޓުން ފެނެއެވެ. އަދި ޓެލެގްރާމް ބެލުމަށް އެއް މިނިޓު ހޭދަކޮށްފައިވެއެވެ.
ޝިމަންގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށުގައި އޮތްއިރު އެ ފޯނުގައި ހުރި ޝިމަންގެ ޒާތީ ފޮޓޯތަކެއްވަނީ ލީކުވެފައެވެ. އެ ފޮޓޯތައް ލީކުކޮށްފައިވަނީ "ޝިމަންފޯން" ނަމަކަށްކިޔާ އެކްސް އެކައުންޓަކުންނެވެ. ފަހުން އެ އެކައުންޓް ވަނީ ސަސްޕެންޑު ވެފައެެވެ. ޝިމަންގެ ވަކީލު ތުހުމަތުކުރާ ގޮތުގައި އެ ފޮޓޯ ލީކުކޮށްލީ ފުލުހުންނެވެ.
ނަމަވެސް އެ ތުހުމަތު ދޮގުކޮށް މިމަހު 11 ވަނަ ދުވަހު ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ހެކީގެ ގޮތުގައި ހިފަހައްޓާ އެއްވެސް ޑިޖިޓަލް ވަސީލަތަކުން މައުލޫމާތު ލީކު ނުވާނެ ކަމަށެވެ. ފުލުހުން ބުނެފައިވަނީ ފުލުހުންގެ ހިދުމަތުން ތަހުގީގުކުރާ މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ހެކި، ޑިޖިޓަލް ވަސީލަތްތައް ހިމެނޭހެން، ބެލެހެއްޓުމުގައި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ހަރުދަނާ އުސޫލުތަކެއް ގާއިމުކުރެވިފައިވާ ކަމަށެވެ.
އެ އުސޫލުތަކުގެ ދަށުން، އެ ތަކެއްޗާއި އޭގައި ހިމެނޭ މައުލޫމާތުގެ ރައްކާތެރިކަން ވަނީ ފުރިހަމައަށް ކަށަވަރުކުރެވިފައި ކަމަށާއި އެހެންކަމުން ފުލުހުންގެ ބެލުމުގެ ދަށުގައިވާ އެއްވެސް މޯބައިލް ފޯނަކުން މައުލޫމާތު ލީކުވުމުގެ ފުރުސަތު ނޯންނާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
"ވީމާ، ހެކީގެ ގޮތުގައި ހިފެހެއްޓިފައިވާ ފޯނެއްގައި ހުރި ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ލީކުވެފައިވާ ކަމަށް ކުރާ ތުހުމަތަކީ އެއްވެސް ހަގީގަތެއް އެކުލެވިގެންނުވާ ދޮގު ތުހުމަތެކެވެ." ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ ފުލުހުންގެ ތަހުގީގުތައް ކުރިއަށްގެންދަނީ ޕްރޮފެޝަނަލްކަމާއެކު ގާނޫނީ ހަމަތަކުގެ މަތިން، ހެކީގެ ރައްކާތެރިކަން ކަށަވަރުކޮށްގެން ކަމަށެވެ. އަދި އެ ހިދުމަތުގެ މަސައްކަތްތަކުގައި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރުމާއި ޕްރޮފެޝަނަލް މިންގަނޑުތައް ހިފެހެއްޓުމަކީ އަބަދުވެސް އިސްކަންދެވޭ ކަންކަން ކަމަށް ފުލުހުން ބުނެފައިވެއެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް