މޯލްޑިވްސެ ޕޯޓްސް ލިމިޓަޑް (އެމްޕީއެލް)ގެ އިންޓާންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.

އެމްޕީއެލުން މިއަދު ބުނީ އިންޓާރންޝިޕް ޕްރޮގްރާމްގައި މި އަހަރު ހަތް ދާއިރާއަކުން މަސައްކަތުގެ ތަޖުރިބާ ހޯދުމުގެ ދިހަ ފުރުސަތު ފޯރުކޮށްދޭނެ ކަމަށެވެ.

އެއް މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމްގައި މި ފަހަރު ހިމެނެނީ ހަ ދާއިރާއަކުން ކަމަށެވެ. އެއީ މާކެޓިން އެންޑް ޕީއާރް، އެޑްމިން، ފައިނޭންސް، ޕްރޮކިއުމަންޓް، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި އިންޖިނިއަރިން އެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝަރުތަކީ އުމުރުން 18 އަހަރު ނުވުމާއި ގްރޭޑް 10ގެ ތައުލީމު ނިންމާފައިވުމެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން https://forms.gle/HkhUZ77Lmev4kGfU8 ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅުމާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު (ސީވީ)، ސްކޫލް ލީވިން ސެޓްފިކެޓް އަދި ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހުށަހަޅަ ޖެހެއެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ސުންގަޑިއަކީ، މި މަހުގެ 25 ވަނަ ދުވަހުގެ ރޭގަނޑު 12:00 ގެ ކުރިންނެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް، އެމްޕީއެލްގެ ލާނިން އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 3039638 ނުވަތަ 3039636 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމުން ލިބޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އެމްޕީއެލްގެ އިންޓާރންޝިޕް ޕްރޮގްރާމަކީ ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވާ ކުދީންނަށް، ވަޒީފާގެ މާހައުލުގެ އަމަލީ ތަޖުރިބާ އާއި ތަމްރީނު ފޯރުކޮށްދިނުމަށް 2022 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރަމެކެވެ. މިހާތަނަށް 30އަށްވުރެ ގިނަ ކުދީން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފައެވެ.

އެ ޕްރޮގްރާމްގައި ބައިވެރިވާ ކުދީންނަށް "މެންޓާ"ގެ ގޮތުގައި އެމްޕީއެލުގެ ތަޖުރިބާކާރު މުވައްޒަފުން ހަމަޖައްސާނެ ކަމަށާއި އެ ޕްރޮގްރާމްގައި ބައިވެރިވާ ކުދީންނަށް މަސައްކަތުގެ އަމަލީ ތަޖުރިބާ ހިއްސާކޮށް، ހުނަރުތައް ދަސްކޮށްދިނުމުގައި އެ މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށްވެސް އެމްޕީއެލުން ބުންޏެވެ.