މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދަށުން ހިންގާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ)ގެ ކުރީގެ އިސްވެރިޔާ މ. އާސްތާނާ/ އިބްރާހިމް އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާ އަނބުރާ ގެންގޮސް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން، އޭނާއެކު ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފިއެވެ.
އާތިފުގެ މައްޗަށް މަނީ ލޯންޑަރިން އާއި ޓެރަރިޒަމްއަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނާ ހިލާފުވުމުގެ ކުށުގެ ދައުވާ އުފުލީ، އެފްއައިޔޫގެ އިސްވެރިޔާގެ މަަގާމުގައި އޭނާ ހުންނެވި އިރު، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅޭ މަނީ ލޯންޑަރިންއަށް ޝައްކު ކުރެވޭ މުއާމަލާތެއް، ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ނުގެނައި މައްސަލައިގައެވެ.
އާތިފު، އެފްއައިޔޫގެ އިސްވެރިޔާގެ މަގާމު އަދާ ކުރެއްވީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި 4 ނޮވެމްބަރު 2014 އިން ފެށިގެން 21 ޖޫން 2015ގެ ނިޔަލަށެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލު އަދި ޕަބްލިކް ޕްރޮސިކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ އެ މައްސަލައަކީ 2020 ވަނަ އަަހަރު ދައުލަތުގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލައެއް ކަމަށާއި މައްސަލައަކީ އަވަހަށް ނިންމާލެވޭ ބާވަތުގެ މައްސަލައަކަށްވިޔަސް އެ މައްސަލަ ދިގުލައިގެންދާތީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ދައުލަތުގެ ފަރާތުން، އާތިފަށް ހުށަހެޅީ ކަމަށެވެ.
ޝަފީއު ވިދާޅުވީ އާތިފަށް ކުރާ ދައުވާގެ ކުށުގެ އަދަބަކީ ހަމައެކަނި ޖޫރިމަނާގެ އަދަބެއް ނަމަ ނުވަތަ އެއް އަހަރު ނުވަތަ އެއް އަހަރަށްވުރެ ކުޑަ ޖަލު ހުކުމެއް ކަމަށެވެ.
"މިހާރު ނަސޭހަތުގެ އެއްބަސްވުމެއް ހަދައިފަވަނީ. އޭގައިވަނީ ތިން އަހަރު ވަންދެން އެއްވެސް ކުށެއް ނުކޮށް ހުރުމަށް، ތިން އަހަރު ތެރޭގައި ކުށެއް ކޮށްފިނަމަ އަލުން މި މައްސަލަ ކޯޓުގައި ކުރިއަށް ގެންދާނެކަމަށް" ޝަފީއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މައްސަލައިގައި އެހާ ވަރުގަަދަ ހެކިތަކެއް ނެތްނަމަވެސް އާތިފުގެ މައްޗަށް ދައުވާ ސާބިތުކުރެވޭ މިންވަރަށް ދައުލަތުން ހެކި ހުށަހަޅާފައިވާނެ ކަމަށެވެ.
މި މައްސަލައިގައި އާތިފާ ދެކޮޅަށް ދައުލަތުން ވަނީ 12 ހެއްކެއް ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ސިއްރު ހެކިންވެސް ހިމެނެއެވެ. އާތިފްގެ ފަރާތުން ވަނީ ސިއްރު ހެކިން ހާމަކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދިފައެވެ. އެކަމަށް އެދެން ޖެހޭ މަރުހަލާ ނިމުނުފަހުން އަމުރަށް އެދުމުން އެ އަމުރު ނެރެދީފައެއްނުވެއެވެ.
މުހައްމަދު އިޝާން
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް
ޕީޖީ އޮފީސް