ރާއްޖެ އާއި އިނގިރޭސި ވިލާތުން ވެފައިވާ ވިޔަފާރީގެ އެއްބަސްވުމަކަށް މި އަހަރު އަމަލު ކުރަން ފަށާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އިނގިރޭސި ސަރުކާރުން ދީފައި ނުވާކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މެންބަރު މީކާއީލް ސުވާލު ކުރެއްވީ، ރައްޖޭން އިނގިރޭސިވިލާތަށް އެތެރެކުރާ މަހުން ނަގާ ޑިއުޓީ އެއްކޮށް ކަނޑާލުމަށްޓަކައި، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު މަޝްވަރާ ކުރި ފްރީ ޓްރޭޑް އެއްބަސްވުމަށް 2025 ގައި އަމަލުކުރުމަށް ނިންމާފައިވީ އިރު، މި އެއްބަސްވުމުގެ މަސައްކަތް އޮތީ ކޮން މަރުހަލާއެއްގައިތޯ އޮޅުންފިލުއްވުމަށެވެ.
އޭގެ އިތުރުން ސޯލިހުގެ ވެރިކަމުގައި، ކުރި މަސައްކަތުން، ރާއްޖެއިން އިނގިރޭސި ވިލާތަށް އެކްސްޕޯޓުކުރާ މަހުން 24 ޕަސެންޓްގައި ނަގަމުންދިޔަ ޑިއުޓީ 20 ޕަސެންޓަށް ކުޑަ ކުރުމަށް ނިންމި ނިންމުމާ ބެހޭގޮތުންވެސް މެންބަރު ސުވާލު ކުރެއްވިއެވެ.
އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭން އިނގިރޭސި ވިލާތާއެކު ވިޔަފާރީގެ އެއްބަސްވުމެއް ވުމަށް އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ އީއޫއިން އިނގިރޭސި ވިލާތް ވަކިވުމަށް ނިންމުމާއެކު 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 16 ވަނަ ދުވަހު އޭރުގެ އިކޮނޮމިކް މިނިސްޓަރު ކަމުގެ މަގާމުގައި ސައީދު ހުންނެވިއިރު، އޭނާ ސޮއިކުރެއްވުމަށްފަހުގައި ކަމަށެވެ.
ނަމަވެސް އެފަދަ އެއްބަސްވުމެއްގައި ސޮއިކުރަން ޔޫކޭއިން އެއްބަސްވެފައިވާކަމުގެ އެއްވެސް މައުލުމާތެއް، އިކޮނޮމިކް މިނިސްޓްރީއަށް ލިބިފައިވާ އެއްވެސް ލިޔެކިޔުމަކުން ފެންނާން ނެތް ކަމަށް ވެސް ވިދާޅުވިއެވެ.
އެހެންކަމުން އެއީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިނގައިދިޔަ ކަމެއްނޫން ކަމަށްވެސް ވިދާޅުވިއެވެ.
ކުރީން އިނގިރޭސި ވިލާތުން ނަގަމުންދިޔައީ 24 ޕަސެންޓްގެ ޓެރިފެއް ކަމަށާއި ފަހުން ނަގަމުން ދިޔައީ 20 ޕަސެންޓްގެ ޓެރިފެއް ކަމަށްވެސް ވިދާޅުވިއެވެ.
"ރާއްޖެ އާއި އިނގިރޭސި ވިލާތުން ވިޔަފާރީގެ އެއްބަސްވުމަށް އަމަލުކުރަން 2025 ވަނަ އަހަރު ފަށާނެ ކަމުގެ އެއްވެސް ޔަގީންކަމެއް އިނގިރޭސި ސަރުކާރުން ދިން ކަމުގެ އެއްވެސް މައުލުމާތެއް މިނިސްތްރީއަށް ލިބިފައިވާ އެއްވެސް ލިޔެކިޔުމަކުން ފެންނާކަށް ނެތް،" ސައީދު ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު