މިއަދުން ފެށިގެން 30 މަސް ދުވަހުގެ ތެރޭގައި ށ. ބިލެތްފަހި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ށ. އަތޮޅުގެ ރަށްތަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލާ ހަވާލުކުރުމަށްފަހު އެއާޕޯޓުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފައެވެ.

އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެ އެއާޕޯޓުގެ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނާންނާނެ ކަމަށާއި އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.

"އެއާޕޯޓުގެ ތަރައްގީގެ މަސައްކަތް ހުރިހާ މަސައްކަތެއް، ރަންވޭއާ ދެން ހުރިހާ ކަމެއް ހިމެނޭހެން ފުލް ޕްރޮޖެކްޓް މުޅި މަޝްރޫއު މިއަދުން ފެށިގެން ގިނަވެގެން ދެ އަހަރާ ބައި، 30 މަސް ދުވަހުގެ ތެރޭގައި ނިންމައި އެއާޕޯޓް ހުޅުވާނަން،" ރައީސް ވިދާޅުވިއެވެ.

ބިލެތްފަހި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިއަދުވަނީ ފަށާފައި. -- (ފޮޓޯ/ ރައީސް އޮފީސް)

ރައީސް ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތް މިއަދުން ފެށިގެން ގިނަވެގެން އަށް މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށާއި ބިން ހިއްކާ ނިމޭއިރަށް އެހެން މަސައްކަތްތައް ފަށާނެ ކަމަށެވެ.

"މި މަސައްކަތް ދެން އެއްވެސް ވަރަކަށް މަޑުޖެހުމެއް ނެތް. ބާރު ސްޕީޑުގައި ކުރިއަށްދާނެ މަސައްކަތެއް މިއީ. އެ ޔަގީންކަން މި އަރުވަނީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބިލެތްފަހި އެއާޕޯޓުގެ ސަބަބުން އެ ރަށާއި އެ ސަރަހައްދުގެ ރައްޔިތުންނަށް ފައިދާވެގެންދާނެ ކަމަށާއި އަދި ބިލެތްފަހި އިތުރަށް ތަރައްގީވެގެންދާނެ ކަމަށެވެ.

އެރަށު އެއާޕޯޓުގައި އަޅަން ނިންމާފައިވަނީ 1500 އަކަފޫޓުގެ ދިގު ރަންވޭއެކެވެ.