ށ. ބިލެތްފަހި އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
އެ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކޮށް އަމަލީ މަސައްކަތް ފެށީ މިއަދު ށ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި އެ ރަށަށް ވަޑައިގަންނެވެ. އެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހުޝާމް އަލީއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފެވެ.
ބިލެތްފަހީގައި އެއާޕޯޓް އެޅުމަށް ނިންމާފައިވާކަން ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އޭރު އެ މިނިސްޓްރީން ބުނެފައިވަނީ 2021 ގެ ނިޔަލަށް ބިލަތްފެހީގެ އެއާޕޯޓުގެ މަސައްކަތް ނިމިގެންދާނެ ކަަމަށެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.
އޭގެ ފަހުން މިދިޔަ އަހަރުގެ އޭޕްރިލް މަހު ފަސް ރަށެއްގައި އެއާޕޯޓް ހެދުމަށް އެމްޓީސީސީއާ ހަވާލުކުރި އިރު، އޭގެ ތެރޭގައިވެސް ބިލެތްފަހި އެއާޕޯޓް ހިމަނާފައިވެއެވެ.
މި ޕްރޮޖެކްޓްގެ ދަށުން 36 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމައިފައެވެ. އަދި އެ މަސައްކަތް އަށް މަސް ދުވަހުގެ ތެރޭގައި ނިންމާނެ ކަމަށް އެރަށު ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް މިރޭ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގިނަވެގެން 30 މަސް ދުވަހުގެ ތެރޭގައި އެ އެއާޕޯޓުގެ މަސައްކަތް ނިންމާނެ ކަމަށެވެ.
އާއިޝަތު މާހާ
ށ. ބިލެތްފަހި
ށ. ބިލެތްފަހި