ށ. ކަނޑިތީމު ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

ކަނޑިތީމު ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ށ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ކަނޑިތީމަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

ކަނޑިތީމު ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ 84,129,493.05 (84 މިލިއަން) ރުފިޔާއަށް 380 ދުވަސްތެރޭ ނިންމައި ހަވާލުކުރާގޮތަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތައް:

  • ބަނދަރު އަދި ނެރު ފުންކުރުން
  • 212 މީޓަރުގެ އެލް-ބްލޮކްސް އެއްގަމުތޮށި ޖެހުން
  • 544 މީޓަރުގެ ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން
  • 67 މީޓަރުގެ ސަބްމާޖް ބްރޭކްވޯޓާ ޖެހުން
  • 342 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓް ޖެހުން
  • 150 މީޓަރުގެ ބޮޑު ހިލައިގެ ގްރޮއިން ޖެހުން
  • 14 މޫރިންގ ބޮއި ހަރުކުރުން
  • 11mx11m ގެ ރޭމްޕް އެޅުން
  • 19 މަގު ބައްތި ހަރުކުރުން
  • 2 ނެވިގޭޝަން ލައިޓު ހަރުކުރުން
  • 1331 އަކަމީޓަރުގެ ޕޭވްމަންޓް އެޅުން