ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިންޒާރުދިން ކަމަށް ދޭހަވާ ގޮތަށް އެކްސްގައި ޕޯސްޓެއް ކުރިކަމުގެ ތުހުމަތުގައި ހިފެހެއްޓި، އިދިކޮޅު އެކްޓިވިސްޓް އާއިޝަތު ޝިމަން އަހްމަދުގެ ފޯނާއި ސޯޝަލް މީޑިއާގައި ފުލުހުންނަށް ދިން އިންޒާރަކާ ގުޅިގެން ހިފެހެއްޓި، އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ގެ ފޯނު ދޫކޮށްލައިފި އެވެ.

ކޯޓު އަމުރެއްގެ ދަށުން ޝިމަންގެ ފޯނު ހިފެހެއްޓީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

ކޯޓު އަމުރުގައިވާ ގޮތުގައި ޝިމަންގެ ފޯނު ހިފެހެއްޓީ ރައީސް ޑރ. މުއިއްޒު އަވަހާރަކޮށްލަން ހިތްވަރު ލިބޭ ފަދަ މޭރުމަކުން މިދިޔަ މަހުގެ 20 ވަނަ ދުވަހު އެކްސްގައި ކޮމެންޓެއް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

އެ ފޯނު ފުލުހުން އޭނާއާ ހަވާލުކުރީ އިއްޔެ އެވެ.

ޒާޔާގެ ފޯނު މިދިޔަ އަންގާރަ ދުވަހު ހިފެހެއްޓީ، ފުލުހުން ޓެގްކޮށް، އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި "އަންނަ މަހުގެ 17 އަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށައިފިން. ހަމަ ޖެހީ ޖެހީ." ލިޔެ ފުލުހުންނަށް އިންޒާރު ދިން ކަމަށް ބުނާ މައްސަލައިގައެވެ.

ފުލުހުން ބުނި ގޮތުގައި ޒާޔާގެ ފޯނު ދޫކޮށްލީ އިއްޔެއެވެ.