އައްޑޫ ސިޓީގެ ހަންކެޑެގައި 1000 އެނދުގެ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ހުޅުވާލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ހަންކެޑެގައި ރިސޯޓު ތަރައްގީކުރުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ރަށްރަށާއި، ބިންބިމާއި، ފަޅު ކުއްޔަށް ދޫކުރުމަށްޓަކައި ޕްރޮޕޯސަލް ހުށަހެޅުމާބެހޭ ގަވާއިދުގެ ތިންވަނަ މާއްދާގެ ދަށުން، ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް މިދިޔަ އަހަރުގެ މެއި 30 ވަނަ ދުވަހު ނެރުނު އިއުލާނަށް އިސްލާހު ގެނެސްގެންނެވެ.
ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގައި ފަތުރުވެރިކަން ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ފަޅުތަކުގެ ލިސްޓަށް ހަންކެޑެ އިތުރުކޮށް އެ ރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި 1000 އެނދުގެ ރިސޯޓެކެވެ. އެ ރަށުގެ ބޮޑުމިނަކީ 7.06 ހެކްޓަރެވެ.
ހަންކެޑެގައި ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައިވަނީ، އެކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާނަމަ އެ މިނިސްޓްރީގެ އީމެއިލް [email protected] އަށް އީމެއިލް ކޮށްގެން ސާފުކުރުމަށް އެދިފައެވެ.
ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް ޑރ. މުއިއްޒު ވަނީ މިމަހުގެ އެއްވަނަ ދުވަހު އިއުލާންކުރައްވައިފައެވެ. ރައީސްގެ އެ ނިންމެވުމާއެކު، އައްޑޫ ސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެމްބަރު 2021 ގައި އެކަށައެޅުއްވި ގަރާރު ވަނީ އުވައިލައިފައެވެ.
ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް، މިމަހުގެ ދެވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، އަމާޒަކީ އެ ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށި، ރައީސްގެ މި ދައުރުގައި އެ ރަށް އޮޕަރޭޝަނަށް ގެނައުން ކަމަށާއި އަދި ހަމައެއާއެކު، އައްޑޫ ސިޓީގެ ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު) "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމަށް ހުޅުވާލާނެ ކަމަށެވެ.
ރައީސް މުއިއްޒު ވަނީ އައްޑޫ ސިޓީގެ ހަންކެޑެ އަކީ "ހަލާލް ޓޫރިޒަމް"އަށް ތަރައްގީކުރާ ރަށެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ވެސް ނިންމަވައިފައެވެ.
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް
މިނިސްޓްރީ އޮފް ޓުއަރިޒަމް