އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރުމާ ބެހޭ ވޯޓުގައި، ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލުގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރު އިސްލާހުކުރަން ނިންމަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށްޓަކައި އައްޑޫ ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ހިމެނޭ ސުވާލުތައް ރައީސްގެ ގަރާރަކުން އިސްލާހުކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ރައީސް އެގޮތަށް ކަނޑައެޅުއްވީ، ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށްޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، ކުރިން ނެރުއްވި ގަރާރު އިސްލާހުކުރެއްވުމަށްފަހު މިއަދު ނެރުއްވި ގަރާރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ އެ ގަރާރުގައިވާ ގޮތުގެ މަތީން ހުޅުދޫއާއި މީދޫއާއި ފޭދޫގެ ނަމުގައި ކައުންސިލުތައް އުފައްދަން ސުވާލުތަކެއް ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ނިންމަވާފައިވާ ކަމަށެވެ.

ހުޅުދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު މީދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ހިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު ފޭދުއަށް ހާއްސަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑޫ ސިޓީ ކައުންސިލު އެކުލެވޭ ގޮތް ބަދަލުކުރުމާ ބެހޭ ވޯޓު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 25 ގައެވެ.