ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދޫކުރާ ފްލެޓުތައް ކުއްޔަށް ދޫކުރޭތޯ ބަލާނެ ކަމަށް އެ ކޯޕަރޭޝަނުން ވެސް މިއަދު ބުނެފިއެވެ.

އެޗްޑީސީން މިއަދު ބުނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަން ނެތް މީހުންނަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމުން، އެ ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ފްލެޓް ލިބިފައިވާ މީހާއާ ދެމެދު ހަދާފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަނުން ދޫކޮށްފައިވާ ފްލެޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކޯޕަރޭޝަނުން ބަލަމުންދާނެ ކަމަށެވެ.

"އަދި އެއްބަސްވުމާ ހިލާފަށް އެހެން މީހަކަށް ކުއްޔަށް ދީފައިވާނަމަ އެ ފަރާތްތަކާ މެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެ ކަމަށްވެސް އަންގައި އިއުލާނުކުރަމެވެ." އެޗްޑީސީން ނެރުނު ބަޔާނުގައިވެއެވެ.

އެޗްޑީސީން މިފަދަ ބަޔާނެއް ނެރިފައި މިވަނީ، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ތަރައްގީކޮށްފައިވާ ގެދޮރުވެރިޔާ ފްލެޓުތައް ހަވާލުކޮށް ނުނިމެނީސް، އޭގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދޭން އިއުލާން ކުރުމުންނެވެ.

އެކަމާ ގުޅިގެން އެފްޑީސީން ވަނީ އެކަން ބަލައި ފިޔަވަޅު އަޅާނެ ކަމަށް ބުނެފައެވެ.