ޏ. ފުވައްމުލައް ދޫނޑިގަމް/ އާސްމާންގޭ އަބްދުﷲ ޝުހާދަށް ތޫނު އެއްޗަކުން ހަމާލާދީ މަރާލި މައްސައާ ގުޅިގެން މަރަށް ހުކުމް ކުރި އެރަށު ކަރަންކާއާގޭ/ ހަސަން ފަރީދަށް އަޑުއިވުމުގެ މައްސަލަތައް ދިމާވެފައިވާ ކަމަށް ބުނުމުން، ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އިސްތިއުނާފީ އަޑުއެހުން ނިންމާލައިފިއެވެ.
ޖެނުއަރީ 27، 2010ގެ ރޭ 9:30 އެހައިކަންހާ އިރު، ފަރީދު އިތުރު ބަޔަކާއެކު ފުވައްމުލަކު ދޫނޑިގަން ބޮޑުފަންނު މަގާއި ބަހާރުމަގާ ގުޅޭ ހަތަރު އަނގޮޅިއަށް ގޮސް އެސަރަހައްދުގައި ހުރި ފަޅުގޭގެ ފާރުބުރި މަތީގައި ތިބި މީހުންގެ ތެރެއިން ޝުހާދުގެ މެއާދިމާލު ކަނާތު އަރިކައްޓަށް ފަރީދު ވަޅިން އެއްފަހަރު ހަމަލާދީފައިވާ ކަން ދައުލަތުން މީގެ ކުރިން ކުރިމިނަލް ކޯޓުގައި އިއްވި ދައުވާގައި ވަނީ ބުނެފައެވެ.
ކުރިމިނަލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ހުކުމް ކުރީ ފަރީދުގެ މައްޗަށް ގަސްދުގައި މިހާކު މަރާލިކަމުގެ ކުށް ސާބިތު ވާ ކަމަށެވެ. އެ ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއިދުކޮށްފައެވެ.
ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ބުނެފައި ވަނީ، ހެކީންގެ ބަޔާންތަކަށް ބަލާ އިރު، ޝުހާދުގެ ގަޔަށް ފަރީދު ވަޅި ހެރި މަންޒަރު ފެނުނު ކަމަށް ހަތް މީހަކު ހެކިބަސްދެމުން ބުނެފައިވާކަން އެނގޭ ކަމަށެވެ. ދައުލަތުން ޝަރީއަތަށް ހުށަހަޅާފައިވާ ޝުހާދުގެ މެޑިކޯ ލީގަލް ރިޕޯޓާއި އޭނާގެ މަރު ސާބިތު ކުރި ލިޔުމާ މެދު ފަރީދު ސުވާލު އުފައްދާފައި ނުވާ ކަމަށްވެސް ބުންޏެވެ.
ހާދިސާ ހިނގި ތަނަށް ފަރީދު ދިޔަ ގޮތާއި ވަޅި ހެރީ ކޮން އަތަކުންކަން ބައެއް ހެކީންނަށް ބުނެދެވިފައި ނެތް ނަމަވެސް ތަހުގީގަށް ދިން ބަޔާނުގައި ތަފުސީލުކޮށް ކަން ހިނގައިދިޔަ ގޮތް ކިޔައިދީފައި ވާނެ ކަމަށް އެމީހުން ބުނެފައި ވުމަކީ، ޝުހާދު ގަޔަށް ފަރީދު ވަޅި ހެރިތަން ދުށް ކަމަށް އެމީހުން ބުނާ ބުނުން ނަފީ ކުރެވޭ ވަރުގެ ކަމެއް ނޫން ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
އެ މައްސަލައިގައި ފަރީދު ބުނެފައި ވަނީ، އޭނާއާ ދެކޮޅަށް ހެކިބަސްދީފައިވާ މީހުންގެ ތެރޭގައި މާރާމާރީގައި އަނިޔާ ލިބުނު މީހަކާއި މަރުވި ޝުހާދުގެ ތިމާގެ މީހަކުވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އެ ދެ މީހުންގެ ހެކިބަހުގައި އަދުލުވެރިކަން ގެއްލިފައިވާ ކަމަށް ފަރީދު ބުނެފައިވެއެވެ.
ނަމަވެސް ހައިކޯޓުގެ ހުކުމްގައި ވަނީ އޭނާއަށް މަރުގެ ހުކުމް އިއްވީ ހަމައެކަނި އެ ދެ މީހުންގެ ހެކިބަހަށް ރިއާޔަތް ކޮށްގެން ނޫން ކަމަށާއި ޖުމުލަ ހަތް މީހަކު އޭނާއާ ދެކޮޅަށް ހެކިބަސްދީފައިވާ އިރު، އެ ހެކިބަހާ ގުޅޭ ގަރީނާތައް ވެސް ދައުލަތުން ހުށަހަޅާފައިވާ ކަމަށެވެ.
މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓާއި ހައިކޯޓުންވެސް ހުކުމްކުރީ ގަސްދުގައި މީހަކު މަރާލިކަމުގެ ކުށް ފަރީދުގެ މައްޗަށް ސާބިތުވެފައިވާތީ، އޭނާ މެރުމަށެވެ.
ނަމަވެސް ފަރީދުގެ ފަރާތުން ހައިކޯޓުގެ ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާ ކުރަމުން މީގެކުރިން ފަރީދު ބުނެފައިވަނީ ޝުހާދަށް ހަމަލާދިނީ އޭނާ ކަމަށް ބުނާ މީހުންނަކީ އަންހެން ކުއްޖަކާ ހެދި އޭނާގެ ކޮއްކޮއާ ޖެހުނު މައްސަލައެއްގައި ހަމަނުޖެހުމެއް ހިންގި ބައެއް ކަމަށެވެ. އަދި އެމީހުންނަކީ މަރުވި ޝުހާދުގެ އެކުވެރިންތަކެއް ކަމަށާއި އެމީހުން ކޮއްކޮގެ މޫނަށް ކުޅުޖެހި ކަމަށްވެސް ބުންޏެވެ.
ނަމަވެސް އެ މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅޭ ގޮތުން ގޭ ކައިރީ ކުދިންނާ މަޝްވަރާ ކުރަމުން ދަނިކޮށް ޝުހާދަށް ހަމަލާދިނުމުގެ ތުހުމަތުގައި އޭނާ ހައްޔަރު ކުރި ކަމަށާއި ހައްޔަރު ކުރީ ވެސް ގޭގައި ހުއްޓައި ކަމަށް ފަރީދު ބުނެފައިވެއެވެ.
ފަރީދުގެ ފަރާތުން ހުށަހެޅި ކަންތަކަށް މީގެކުރިން ދައުލަތުން ޖަވާބު ދީ މައްސަލައިގެ އަޑުއެހުންތައް 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހު އޮތީ ކުރިމިނަލް ކޯޓުން ނިންމާލައިފައެވެ.
ނަމަވެސް ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުވުމާ ގުޅިގެން، އާ އުއްތަމަ ފަޑިޔާރާ އެކު މިއަދު ބޭއްވި މި މައްސަލައިގެ އަޑުއެހުމުގައި، ފަރީދު ވަނީ އަޑުއެހުމުގެ މައްސަލަ ދިމާވެފައިވާ ކަމަށް ބުނެފައެވެ.
މިއަދުގެ އަޑުއެހުން ފެށުމާއެކު ފަރީދު ބުނީ، އަޑުއިވުމުގައި އޭނާއަށް މައްސަލައެއް ދިމާވެފައިވާތީ، ހިޔަރިން ޑިވައިޒް ބޭނުން ކުރަން އަންގާފައިވާތީ، ކަރެލްޝަންސް ސާވިސް އިން އެ ވަޒީލާތް ފޯރުކޮށް ދިނުމުން މައްސަލައިގެ އަޑުއެހުންތައް ބާއްވައި ދިނުމަށް އެދި އާއިލާއިން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. އޭނާ ބުނީ އަޑުއިވުމުގެ މައްސަލަ ވަރަށް ބޮޑަށް އުޅޭ ކަމަށާއި ޝަރީއަތުގައި ކިޔާ އެއްޗެއް ސާފުނުވާ ކަމަށެވެ.
އެގޮތުން އެ ޑިވައިޒް އޭނާއަށް ދޭން 2023 ވަނަ އަހަރުގެ މެދު ތެރޭގައި، އަންގާފައިވާކަން ހޮސްޕިޓަލްގެ ސިސްޓަމުން އެނގެން އޮންނާނެ ކަމަށާއި އެ ޑިވައިޒް ހަމަޖައްސައިދިނުމަށް އެދި، މިއަހަރުގެ ކުރީކޮޅު ކަރެކްޝަނަށް ޝަކުވާ ފޯމެއް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެކަން ހަމަޖައްސައިދޭނެ ވާހަކަ ކަރެކްޝަނުން ބުނެފައިވާ ކަމަށާއި ކަރެކްޝަނުން އެކަން ހަމަޖައްސިދިނުމުން ޝަރީއަތް ކުރިއަށް ގެންގޮސް ދިނުމަށް އެދޭ ކަމަށްވެސް އޭނާ ބުންޏެވެ.
މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގެ ބެންޗްގެ ރިޔާސަތުގައި އިންނެވި އުއްތަމަފަޑިޔާރު އަބްދުލް ގަނީ މުހައްމަދު ވިދާޅުވީ އާއިލާއިން ފޮނުވާފައިވާ ކަމަށް ފަރީދު ބުނާ ސިޓީ ސުޕްރީމް ކޯޓުގެ އެ މައްސަލަ ބަލާ ސެކްޝަނަށް ފޮނުވިކަން އެނގިފައި ނެތް ކަމަށެވެ. އަދި އެކަން ސާފު ކޮށްލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފަޑިޔާރު ވިދާޅުވާ އެއްޗެއް ފަރީދަށް އެނގޭ ކަމަށް ވަނީ ދެ ފަހަރަކު، ތިން ފަހަރަކު، ވިދާޅު ވުމުންނެވެ.
ދެން ފަނޑިޔާރު އެއްސެވީ، ގާނޫނީ ވަކީލެއްގެ އެހީ ބޭނުންވެތޯ އާއި މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާއެކު ތޯ އާއި ވަކީލަކާ ނުލައިތޯއެވެ.
އޭނާ ބުނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ވަނީ ވަކީލަކާ ނުލައި ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ ވަކީލެއްގެ ފުރުސަތު ނުދީ ކަމަށް އޭނާ ބުނެފައިވާ ކަމަށާއި ނަމަވެސް އެ ފުރުސަތު ދިން ކަމަށް ކޯޓުގެ ބަޔާންތަކުން އެނގޭ ކަމަށެވެ.
އޭނާ ބުނީ، ހަދާންވާގޮތުން އޭނާ ބުނީ ތަހުގީގީ މަރުހަލާގައި ވަކީލެއްގެ ފުރުސަތު ނުދޭ ވާހަކަ ކަމަށެވެ.
އޭގެ ފަހުންވެސް މައްސަލަ ކުރިއަށްގެންދަން ބޭނުންވަނީ ވަކީލަކާ ނުލައިތޯ، ފަނޑިޔާރު އޭނާގެ ކިބައިން ޔަގީން ކަން ހޯއްދެވިއެވެ.
އެއަށްފަހު ޝުހާދުވެ ވާރުތަވެރިންގެ ފުރިހަމަ މައުލޫމާތު ހުށަހެޅުމަށް، ދައުލަތުގެ ވަކީލަށް އެންގުމަށްފަހު، ފަނޑިޔާރު ވިދާޅުވީ، އަޑުއިވުމުގެ މައްސަަލަތަކެއް އުޅޭ ކަމަށް މި މައްސަލަ އިސްތިއުނާފު ކުރި ފަރީދު ބުނެފައިވާތީ، މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ އެކަން އޮޅުން ފިލުއްވުމަށްފަހު ކަމަށެވެ.
"އިސްތިއުނާފް ކުރާ ފަރާތުން އޭނާގެ އަޑުއިވުމުގެ މައްސަލަތަކެއް ހުރިކަމަށް ވިދާޅުވެ އެކަން ފާހަގަކޮށްފައިވާތީ އާއި ކަރެކްޝަނަށް އެކަމުގެ އެހީތެރިކަމަށް އެދި ކަރެކްޝަނަށް ހުށަހަޅާފައިވާ ކަމަށް ބުނާތީ، އަދި ޑޮކްޓަރުންވެސް އެ ވަސީލަތް އޭނާއަށް ފުރިހަަކޮށްދިނުމަށް އެދިފައިވާ ކަމަށް އެފަރާތުން ބުނާތީ، ޝަރީއަތުގެ މަޖިލިސް މިއަދު އިތުރަށް ކުރިއަކަށް ނުގެންދާނަން، ކަރެކްޝަނާ ގުޅިގެންއެކަން ރަނގަޅަށް ސާފުކޮށްފައި އެއީ ޑޮކްޓަރުން ރެކޮމެންޑް ކޮށްފައި އޮތް ކަމެއް ވެއްޖެއްޔާ ކޯޓުން ބާރު އަޅާނަން އެވަސީލަތް ވީހާ އަވަހަކަށް ފޯރުކޮށް ދިނުމަށް،"
އުއްތަމަ ފަނޑީޔާރު ވިދާޅުވީ ދެން އެ މައްސަލަ ކުރިއަށްގެންދާނީ އޭގެ ފަހުން ކަމަށެވެ.
އިބްރާހިމް ޒަކީ
ރިޕޯޓް
ކާބޯތަކެތި
އެމެރިކާ
ބޮލީވުޑް