ކޮންމެ ފިކުރެއްގެ ބައެއް ކަމުގައިވިޔަސް، ތައުލީމީ ދާއިރާގެ ކުރިއެރުމަށް އެއްބާރުލުން ނުދީ ތިބެގެން ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ކްރޮސްރޯޑް މޯލްޑިވްސްގައި މިއަދު ހެނދުނު ބޭއްވި ޕްރިންސިޕަލުންގެ ކޮންފްރެންސް 2025 އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ، އުފެއްދުންތެރި ޒުވާން ޖީލެއް އުފެއްދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއަރުވަން ގައުމުގެ އެންމެން ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ގައުމުގެ އެންމެން ގުޅިގެން، ވަކި ސިޔާސީ ޕާޓީއެއް ވަކި ސިޔާސީ ފިކުރެއް އަޅުގަނޑުމެންގެ މި މަސައްކަތްތަކަށް އެއްބާރުލުން ނުދީ ތިބެގެން ނުވާނެ ކަމަށް." ޝަފީއު ވިދާޅުވިއެވެ.
އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ މިހާރު މަތީ ސާނަވީއަށް ކިޔަވާ ދަރިވަރުންގެ އަދަދު 49 ޕަސެންޓަށް އިތުރުވަމުން އަންނަ ކަމަށާއި މިއީ ގައުމީ މަސައްކަތެއް ކަމަށެވެ. އެހެންކަމުން އެންމެން ގުޅިގެން ރާއްޖޭގެ ދާއިރާ އިތުރަށް ފުޅާކޮށް ކުރިއެރުވަން މަސައްކަތްކުރުން މުހިންމު ކަމަށެވެ.
"16 އަހަރާއި 18 އަހަރާ ދޭތެރޭގައި އިތުރު 18 ޕަސެންޓު ދަރިވަރުން ސްކޫލު ނިޒާމުގައި ގާއިމު ކުރުވުމަކީ، އެ ކުދީން އިންވޯލްކުރެވުމަކީ، ޝާމިލު ކުރުވުމަކީ ހަގީގަތުގައިވެސް، ގައުމުގެ ކުރިއެރުމަށް ލިބިގެންދާނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ދެކެން." މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
ފާތިމަތު ލިއުޝާ
ސިޔާސީ ޕާޓީތައް
ސިޔާސީ ޕާޓީތައް
ސިޔާސީ ޕާޓީތައް