ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓް ލިބުނު ބައެއް މީހުން އެ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދޭން އިސްތިހާރު ކުރަން ފަށައިފިއެވެ.

ފުލެޓުތައް އެތަނުގެ ވެރިންނަށް ހަވާލުކުރަން ފެށިތާ އަދި ހަފުތާއެއްހާ ދުވަސްވީ އިރު، ބައެއް ފަރާތްތަކުން ވަނީ އެ ފުލެޓުތައް 25،000 ރުފިޔާއަށް ކުއްޔަށް ދޫކުރާކަން އަންގައި ސޯޝަލް މީޑިއާއި ބައެއް އީކޮމާސް ވެބްސައިޓުތަކުގައި ޕޯސްޓުކޮށްފައެވެ.

ސަރުކާރުން އެ ފުލެޓުތަކަށް ކަނޑައަޅައިފައިވާ ކުލީގެ އަގަކީ މަހަކު 8،000 ރުފިޔާ ނުވަތަ 10،500 ރުފިޔާއެވެ. އެހެންކަމުން ފުލެޓު ކުއްޔަށް ދޫކުރަން އިސްތިހާރުކުރަމުންދަނީ ފުލެޓުތަކަށް އަސްލު ދައްކަންޖެހޭ އަދަދަށްވުރެ އެތަނެއް ގުނައެއް ބޮޑު އަދަދެކެވެ.

ފުލެޓް ލިބުނު ބައެއް ފަރާތްތަކުން އެތަން ކުއްޔަށް ދޫކުރަން އިސްތިހާރުކުރުމުން ބައެއް ފަރާތްތަކުން ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ސޯޝަލް ހައުސިންތައް އެގޮތަށް ބޮޑު އަގުގައި ކުއްޔަށް ދޫކުރުމުގެ ސަބަބުން އެފަދަ ސްކީމްތަކުގެ އަސްލު މަގުސަދު ގެއްލި ބޯހިޔާވަހިކަމުގެ މައްސަލަތައް ހައްލު ނުލިބި ގޮސްދާނެ ކަމަށް ބައެއް ފަރާތްތަކުންދަނީ ބުނަމުންނެވެ.

ހިޔާ ފުލެޓް ލިބުނު ބައެއް މީހުންނާއި ވިނަރެސް ފުލެޓް ލިބުނު ބައެއް މީހުންވެސް ވަނީ ފުލެޓުތައް ބޮޑު އަގުގައި ކުއްޔަށް ދީފައެވެ.