ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޖަލްސާތަކަށް ވަޑައިގަންނަވާއިރު ޓައީ އެޅުން ލާޒިމުނުވާ ގޮތަށް ހެދުމަށް މަޖިލިހުގެ ގަވާއިދުގައި ހިމަނަން އާންމު ކޮމިޓީން އިއްޔެ ފާސްކޮށްފިއެވެ.
ކޮމިޓީން އެ އިސްލާހު ފާސްކުރި ނަމަވެސް މަޖިލީހުގެ ގަވާއިދުގައި އެ އިސްލާހު ހިމެނެނީ ތަޅުމުން ފާސްކުރުމުންނެވެ.
މަޖިލީހުގެ ކޮމިޓީއަށް އެ އިސްލާހު ހުށަހެޅުއްވީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. އަބްދުއްރަހީމް ހުށަހެޅުއްވީ މެންބަރުން ހެދުން އަޅަންވީ ގޮތް މަޖިލީހުގެ ގަވައިދުގެ ޖަދުވަލެއްގައި ހިމެނުމަށެވެ.
އަބްދުއްރަހީމް އެފަދަ އިސްލާހެއް ގަވާއިދެއް ހުށަހެޅުއްވީ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މިނިސްޓަރުން ހާޒިރު ނުކުރާތީ އެކަމާ ދެކޮޅަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ބައެއް މެންބަރުން އިހުތިޖާޖު ކުރުމުގެ ގޮތުން ޓައީ އެޅުން ހުއްޓާލުމާ ގުޅިގެންނެވެ. ނަމަވެސް ފަހުން އެ މެންބަރުން ވަނީ ޓައީ އަޅަން ފައްޓަވައިފައެވެ.
އެ މެންބަރުންނަކީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު، ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމެވެ.
ކޮމިޓީން ވަނީ މެންބަރުންގެ ރަސްމީ ހެދުމުގެ ގޮތުގައި ހަތަރު ބާވަތެއްގެ ހެދުން ކަނޑައަޅައިފައެވެ.
- ކޯޓުފަޓުލޫނު
- ގައުމީހެދުން/ ދިވެހި ސަގާފީހެދުން
- ގަމީހާއި ޓައީ އާއި ފަޓުލޫނު
- ރާއްޖޭގައި ހެދުން އެޅުމުގެ އާއްމު އަދަބާ ހިލާފު ނުވާ ގޮތަށް ހުންނަ ރަސްމީ ހެދުން
މަޖިލިހުގެ ޖަލްސާތަކަށް މެމްބަރުން ވަޑައިގަންނަވާ އިރު، އެޅުން މަނާ ހެދުންތައް:
- ހަންގަނޑު ފާޅުވާ ފަދަ ތުނި ހެދުން
- ވަކި ޖަމާއަތަކަށް ނުވަތަ ވަކި ކަމަކަށް ނިސްބަތްވާ ބެޖެއް ނުވަތަ ނިޝާނެއް ޖަހާފައި ހުންނަ ހެދުން
- އަހުލާގީ ގޮތުން އެކަށީގެންނުވާ ހުތުރު ބަސް، އިބާރާތް، ކުރެހުން، ކާޓޫނު، ފޮޓޯ ޖަހާފައި ހުންނަ ހެދުން
- އެއްވެސް ބާވަތެއްގެ ޖީންސް
- ގިނަ ޖީބުލާފައި ހުންނަ ކުރު އަދި ދިގު ހަރުވާޅު
- ޓީޝާޓް ނުވަތަ ޓީޝާޓް ފޮތިން ފަހާފައި ހުންނަ ހެދުން
- ފެންފައިވާނާއި ޓެނިސް އަދި ޖޮގިން ޝޫޒް
އިސްލާހުގައިވާ ގޮތުން ހެދުން އެޅުމުގެ ގަވާއިދާހިލާފުވާ މެންބަރުންނާ މެދު މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެއެވެ.
މަޖިލީހުގެ މެންބަރުންގެ އިތުރުން މަޖިލީހަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް ހެދުން އަޅަންވާނީ އެގޮތަށް ކަމަށް އިސްލާހުގައިވެއެވެ.
މުހައްމަދު އިޝާން
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
މެމްބަރުން މުންޑަކާއިތީޝާޓެއް ލައިގެން މަހިލީހަށްދާން ޤަވާޢިދުއިސްލާހުކުރަންޖެހޭ ސަބަބަކީ ކޯޓުފަޓުލޫނުލެވޭވަރަށް މުސާރަނުލިބޭތީ ޢިއްޒަތްތެރިމެމްބަރުކިޔާފައި އަމިއްލައަތުންމުންޑުބައިލަންޤަވާޢިދުހެދީމައި ޢިއްޒަތްތެރިމެމްބަރަކަށްވާނެތަ
އިއްބެ - 8 މަސް ކުރިން
އަމިއްލަފުޅައް އަބުރާއި ޢިއްޒަތް ގެއްލުވާލައިގެންތިބިބައެއް،އަންނަން އޮތްޖީލައް ދައ ދައްކާނި ކޮންމޫނެއްތޯ؟
އަހްމަދު - 8 މަސް ކުރިން