ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުވާން އަންގައިފިއެވެ.

އެނގިފައިވާ ގޮތުގައި އޭސީސީއަށް ހާޒިރުވުމަށް އަންގައި އަމީރަށް ޗިޓް ފޮނުވާފައިވަނީ މިއަދެވެ.

އަމީރު އޭސީސީއަށް ހާޒިރުކުރަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.

އެގޮތުން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި އަމީރު ބައިވެރިވެފައިވާކަމަށް އޭސީސީން ތުހުމަތުކުރެއެވެ.

އަމީރު އޭސީސީއަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވި އިރު، ހަމަ އެ މައްސަލައާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލުވެސް އޭސީސީއަށް ހާޒިރުވުމަށް އަންގައި ވަނީ ޗިޓު ފޮނުވައިފައެވެ.