އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުވާން އަންގައިފިއެވެ.
ފައްޔާޒް އިސްމާއީލް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭސީސީގެ ތަހުގީގަކަށް ހާޒިރުވުމުގެ ޗިޓެއް މިއަދު ލިބިފައިވާ ކަމަށެވެ. ފައްޔާޒު ވަނީ އެ ޗިޓްގެ ފޮޓޯއެއް އެ ޕޯސްޓްގައި ހިމަނައިފައެވެ.
ޗިޓުގައި ބުނެފައިވާ ގޮތުން ފައްޔާޒް ހާޒިރުކުރަނީ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ.
އެގޮތުން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކަށީގެންވާ ބަދަލެއް އެ ކުންފުންޏަށް ދިނުމަށް 2019 ވަނަ އަހަރު އޮލްޓަނޭޓިވް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީން ނިންމި ނިންމުމުގައި ފައްޔާޒް ބައިވެރިވެފައިވާ ކަމަށް ޗިޓުގައިވެއެވެ.
އެ ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ފައްޔާޒަށް ލިބިފައިވާ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ސްވިފްޓް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑަށް ލިބެންނުޖެހޭ މަންފާއެއް ހޯދައިދިނުމުގެ ތުހުމަތުގެ އިތުރުން އެ އަމަލުގެ ސަބަބުން ދައުލަތަށް ގެއްލުންވެފައިވާ ކަމަށް ޗިޓުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި ފައްޔާޒު އޭސީސީއަށް ހާޒިރުވާން އަންގާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:30 އަށެވެ.
އެ ޗިޓާ ގުޅިގެން ފައްޔާޒު ވިދާޅުވީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނުވާނެ ކަމަށެވެ. އަދި އިންސާފުވެރި ތަހުގީގެއް އޭސީސީން ކުރާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"ފާއިތުވި ދެ އަހަރަކީ މުއިއްޒު ސަރުކާރުން ދައުލަތުގެ ފާރަވެރިވުމުގެ ނިޒާމު އެއްކޮށް ފުނޑާލި ދެ އަހަރު. ވަޒީފާގެ ޔަގީންކަން ހޯދުމަށް ޒިންމާދާރު މަގާމުތަކުގައި ތިބި މީހުން މުއިއްޒު އަންގަވާހާ ގޮތަކަށް ކަންކަން ކުރަމުން އަންނަކަން ދިވެހިންނަށް ވަރަށް ސާފު. ސިޔާސީ ނުފޫޒުގައި ޖެހި ވަކި އަތަކަށް ޖެހިގެން ތަހުގީގު ހިންގާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ. މުއިއްޒު ކަހަލަ ޚުދުމުހުތާރު، އަނިޔާވެރި މީހަކު ވެރިކަމާ ހަވާލުވުމުން މިހާރު މާބޮޑަށްވެސް ސާފުވެގެން ދަނީ ގާނޫނުއަސާސީއަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން. މިނިވަން މުއައްސަސާތައް ހަގީގަތުގައިވެސް މިނިވަންކުރަން ޖެހިފައިވުމުގެ މުހިންމުކަން،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ މުޅި ދައުލަތް ބޭނުންކޮށްގެން ބިރު ދައްކައި ފަހަތަށް ޖެއްސުމަށް މަސައްކަތް ކުރި ނަމަވެސް އަދި އެންމެން ޖަލަށްލީ ނަމަވެސް ޑިމޮކްރަޓިކް ރާއްޖެއެއް ބިނާކޮށް ރައްޔިތުންނަށް އަސާސީހައްގުތައް އަނެއްކާވެސް ކަށަވަރުކޮށްދޭން ކުރަންޖެހޭ މަސައްކަތް ކުރުމުގައި ފަހަތަށް ނުޖެއްސޭނެ ކަމަށެވެ.
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް