އިސްލާމިކް މިނިސްޓްރީގެ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އުމްރާ ކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ނުވެވޭގޮތަށް ހަދަން މަޝްވަރާކުރަމުން އަންނަ ކަމަށް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ޝަހީމްގެ ފޭސްބުކް އެކައުންޓުގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މިނިސްޓްރީ އަކީ ރާއްޖޭގެ އުމްރާ ކުންފުނިތައް ރެގިއުލޭޓްކުރާ ވުޒާރާކަމުން، ވުޒާރާގެ މަގާމުތަކުގައި ތިބޭ ފަރާތްތަކަށް އަމިއްލަ އުމްރާ ކުންފުނިތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރި ނުވެވޭގޮތަށް ހެދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށެވެ.

އެ މިނިސްޓްރީގެ މަގާމުތަކުގައި ތިބޭ ފަރާތްތަކުން މިހާރުވެސް އުމްރާ ކުންފުނިތައް ހިންގަ އެވެ.

އުމްރާއަށް މީހުން ގެންދިއުމަށް ފައިސާ ނެގުމަށްފަހު ފިލާފައިވާ މައްސަލަތަކެއް މިފަހުންވެސް ވަނީ ފެންމަތިވެފަ އެވެ. އެ މިނިސްޓްރީން ވަނީ އެ ފަރާތްތަކާ މެދު ފިޔަވަޅުވެސް އަޅައިފަ އެވެ.