ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން "އެކްސް"ގައި ކޮމެންޓުކުރިކަމުގެ ތުހުމަތުގައި އެމްޑީޕީގެ އެކްޓިވިސްޓު އައިޝަތު ޝިމަން އަހްމަދުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފި އެވެ.

ޝިމަންގެ ފޯނު ހިފަހައްޓަން އަމުރު ނެރެފައިވަނީ މި މަހު 6ގަ އެވެ.

ޝިމަންގެ ފޯނު ހިފެހެއްޓުމަށް ނެރެފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ މިދިޔަ ސެޕްޓެމްބަރު 20ވަނަ ދުވަހުގެ މެންދުރުފަހު 2:30ހާއިރު ސޯޝަލް މީޑިއާ ޕްލެޓްފޯމް "އެކްސް"ގައި ރައީސް މުއިއްޒު އަވަހާރަކޮށްލަން ޖެހޭ ފަދަ މޭރުމަކުން ކޮމެންޓުކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހެއްކާއި ގަރީނާ ހޯދަން ކަމަށެވެ.

އެ އަމުރުގައި ފޯނުގައި ހުރި ޑޭޓާ ތަހުލީލުކުރުމަށް ފޯނާއި އެޕްލިކޭޝަންތަކަށް އެކްސެސްވުމަށް ބޭނުންވާ ޕާސްވޯޑްތަކާއި ޕެޓާންތައް، އަދި އެކްސެސް ވުމަށް ބޭނުންވާ އެ ނޫން ވެސް މައުލޫމާތު ފުލުހުންނަށް ދިނުމަށް ވަނީ އަންގާފަ އެވެ.

މިއަހަރުގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. ފެންޓެނޯއީން އެ ގެއާ ޖެހިގެން ހުރި ހ. މީޓާޒް ގޭގެ ގުދަނެއްގެ މައްޗަށް ހައްވާ ޔުމްނު ރަޝީދު 21އ ވެއްޓުނު ހާދިސާއާ ގުޅިގެން ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މާލޭގައި "ދުލެއް ނުކުރާނަން" ގެ ނަމުގައި ސިލްސިލާކޮށް ކުރިއަށްގެންދިޔަ އިހުތިޖާޖުން ވެސް ޝިމަން ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާގެ މައްޗަށް ދައުވާކުރަނީ ގާނޫނުލްއުގޫބާތުގެ 532 ވަނަ މާއްދާގެ ދަށުން (ހ) ގެ ދަށުންނެވެ. އެ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފަކު ނުވަތަ މީހުން ބަންދުގައި ބައިތިއްބާ ތަނެއް ބަލަހައްޓާ މުވައްޒަފަކު ރަސްމީ ހައިސިއްޔަތުން ކުރުން ހުއްދަ ކަމެއް ކުރުން ގަސްދުގައި ހުއްޓުވުން ނުވަތަ އެކަމަށް ހުރަސް އެޅުން ނުވަތަ އެކަމެއް ކުރިޔަނުދިނުމަކީ ކުށެއް ކަމަށެވެ.