ޖަރުމަނުގައި ޑްރޯނަށް ހަމަލާދީ ވައްޓާލުމުގެ ބާރު ފުލުހުންނަށް ދިނުމުގެ މަސައްކަތް ފަށައިފިއެވެ.

ދާދި ފަހުން ޖަރުމަނުގެ މިއުނިކް އެއާޕޯޓުގެ އޮޕަރޭޝަނަށް ބުރޫއަރުވާލި މައްސަލައިގައި އެ ގައުމުގެ ފުލުހުންނަށް ހާއްސަ ހުއްދަތަކެއް ދިނުމަށް ނިންމާފައިވާއިރު، ޑްރޯނަށް ހަމަލާދީ ވައްޓާލުމުގެ ބާރުވެސް ދިނުމަށް އެ ގައުމުގެ ކެބިނެޓުން ވަނީ ނިންމައިފައެވެ.

ޖަރުމަނުގެ ކެބިނެޓުން ދިން ހުއްދަ އެ ގައުމުގެ މަޖިލީހަށް ފޮނުވާފައިވާއިރު މަޖިލީހުން ފާސްވުމާއެކު އަމަލުކުރަން ފަށާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

މިދިޔަ ހަފުތާއިން ފެށިގެން މިއުނިކް އެއާޕޯޓުގެ ވައިގެ ސަރަހައްދުގައި ގޮތް ނޭނގޭ ޑްރޯންތަކެއް އުދުއްސުމުގެ ސަބަބުން އެ އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓި އެތައް ހާސް ފަސެންޖަރުންނަކަށް ވަނީ އަސަރުކޮށްފައެވެ.

ޖަރުމަނުގެ އިތުރުން ޔޫރަޕްގެ އެހެން ގައުމުތަކަށްވެސް އެ މައްސަލަ ކުރިމަތިވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. އޭގެ ތެރޭގައި ޑެންމާކާއި ލިތުއޭނިއާއިން ވެސް ޑްރޯން ފެނި އެއާޕޯޓުތައް ހުއްޓުމަކަށް އައިކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔޫރަޕްގެ ގައުމުތަކަށް ޑްރޯންގެ ބިރުދައްކަމުން ގެންދަނީ ރަޝިޔާއިން ކަމަށް ޖަރުމަނުގެ ޗަންސެލަރ ފްރެޑްރިޗް މާޒް ވަނީ ތުހުމަތުކުރައްވައިފައެވެ. ނަމަވެސް ރަޝިޔާއިން އެކަން ދޮގުކުރެއެވެ.