ރާއްޖޭގައި ބޭރުގެ އިންވެސްޓަކުރެވޭނެ ދާއިރާތަކާއި އިންވެސްޓްނުކުރެވޭނެ ދާއިރާތަކާއި، ވަކި ޝަރުތުތަކަކާއެކު އިންވެސްޓުކުރެވޭނޭ ދާއިރާތައް (ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއާމަންޓްސް) ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށް ކަނޑައަޅައި، މިއަދު ޝާއިއުކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި ރިކުއާމަންޓްސްގައި ދިވެހިންނަށް ހާއްސަ ދާއިރާތަކާއި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ދާއިރާތައް އަދި ޖޮއިންޓް ވެންޗާތައް ކުރިއަށް ގެންދެވޭނެ ދާއިރާތައް ވަނީ ކަނޑައަޅައިފައެވެ.

އެކަމާ ގުޅޭގޮތުން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ބަދަލުތަކަކީ ދިވެހި ވިޔަފާރިވެރިން ވާދަވެރިކަމާއެކު ހަރަކާތްތެރިވަމުން އަންނަ އިގުތިސާދީ ސިނާއަތްތައް ދިވެހި ވިޔަފާރިންނަށް ހާއްސަކޮށް، އަދި ބޭރުގެ އިންވެސްޓަރުންގެ ތަޖުރިބާއާއި އިންވެސްޓްމަންޓް ބޭނުންވާ ދާއިރާތަކަށް، ބޭރުގެ އިންވެސްޓަރުންނަށް ފުރުސަތު ހުޅުވިފައި އޮންނަ ގޮތަށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ.

"މިއީ ދިވެހިރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، އިގުތިސާދު ކުރިއެރުވުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް މުހިންމު އިސްލާހެކެވެ..،" އެ ބަޔާނުގައި ބުނެފައިވެއެވެ.

އެ އުސޫލުތައް ނިންމާފައިވަނީ ވަޒީރުންގެ މަޖިލީހުން ދައުލަތުގެ އިދާރާތަކާއި, ބިޒްނަސް ކައުންސިލާއި، ދިވެހި އަދި ބޭރުގެ އިންވެސްޓަރުންގެ އިތުރަށް ކަމާ ގުޅުންހުރި ގިނަ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި އެ އުސޫލުތައް ނިންމާފައިވަނީ ހާއްސަކޮށް ދިވެހި ރައްޔިތުންނަށް ދިވެހި އިހުތިސާދުގައި އިންވެސްޓް ކުރުމުގެ މަންފާ އެންމެ ހެޔޮ ގޮތުގައި ލިބޭނެގޮތަށް ބައްޓަން ކުރުމަށް ކަމަށެވެ.

"އެހެންކަމުން މި ބަދަލުތަކުގެ މައިގަނޑު އަސާސަކީ ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތައް, ދިވެހިންނަށް ހާއްސަ ކުރުމާއެކު، ދިވެހީންނަށް ހުނަރާއި ގާބިލުކަން އިތުރަށް ބޭނުންވާ ދާއިރާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުގެ ފުރުސަތު, ބޭރުގެ ފަރާތްތަކަށް ހުޅުވާލާފައި ބޭއްވުމެވެ..،" އެ ބަޔާނުގައި ބުނެފައިވެއެވެ.

މިއަދު އާންމުކުރި އެ ރިކުއާމެންޓްސްގައިވާ ގޮތުން ގިނަ ދާއިރާތަކެއް ވަނީ ދިވެހިންނަށް ހާއްސަކޮށްފައެވެ. އޭގެތެރޭގައި 15 މިލިއަން ޑޮލަރަށްވުރެ ކުޑަ ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތަކާއި ގުރުއާން ކްލާހާއި ޓިއުޝަން ކްލާހާއި އެޑިއުކޭޝަނަލް ސަޕްލައިސް ފޯރުކޮށްދިނުން ފަދަ ތައުލީމީ ދާއިރާގެ ބައެއް ވިޔަފާރިތަކާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އާއި، ލޮޖިސްޓިކްސްގެ ހިދުމަތާއި، އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތާއި، ބަންކަރިންގެ ހިދުމަތް ހިމެނެއެވެ. އަދި އޭގެއިތުރުން ހޭންޑް ކްރާފްޓްސް އާއި ސުވެނިއާސް ވެސް ވަނީ ދިވެހިންނަށް ހާއްސަކޮށްފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ސަރުކާރުން ގެންނަ އެ ބަދަލާއެކު، މިހާރު ދިވެހިން ކުރިއަރަމުން އަންނަ ދާއިރާތަކުގައި އިތުރަށް ފައިތިލަ ސާބިތުކޮށް، އިގުތިސާދީ ނަފާ ހޯދައި، ގައުމުގެ ތަރައްގީގައި ދިވެހީންގެ ހިއްސާ ބޮޑުވެގެން ދާނެ ކަމަށެވެ.

އަދި އޭގެ އިތުރުން ރައީސް ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ތަސައްވުރަށް މަގުފަހިކުރުމަށް ބޭނުންވާ މުހިންމު ދާއިރާތަކުން އިންވެސްޓް ކުރުމުގެ ފުރުސަތު ބޭރުގެ އިންވެސްޓަރުންނަށް ފުރިހަމައަށް ހުޅުވިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.