އދ. މަންދޫގައި އަލަށް ގާއިމުކުރި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އޭޓީއެމްގެ ހިދުމަތާ އެކު، އދ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ގާއިމުކޮށްފިއެވެ.

މަންދޫގައި އޭޓީއެމް ހިދުމަތް ފައްޓަަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި މިއަދު މަންދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ދަތުރުފުޅުތަކުގައި ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ބީއެމްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި އެކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފުގެ އިތުރުން ބޭންކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އދ. އަތޮޅުގައި ފަސޭހަކަމާއެކު ބޭންކިން ހިދުމަތް ފުޅާކުރުމުގައި މުހިންމު ލަނޑުދަނޑިއެއް ހާސިލުވެފައިވާ ކަމަށާއި އދ. އަތޮޅު ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ތަރައްގީވަމުން އަންނަ އިރު، އެ މަޝްރޫއުގެ ސަބަބުން ވިޔަފާރިތަކަށާއި މުޖުތަމައުތަކަށް ފައިދާ ލިބޭނެ ކަމަށެވެ.

ރައީސް އެ އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި މަންދޫގެ އިތުރުން އެ އަތޮޅުގެ ދިއްދޫ، ފެންފުށި އަދި ކުނބުރުދޫގައި ވެސް އޭޓީއެމްގެ ހިދުމަތް ވަނީ ފަށައިފައެވެ.

ބީއެމްއެލުން 20 އަތޮޅުގައި 42 ބްރާންޗް، 192 ސެލްފް ސާވިސް ބޭންކިން ސެންޓަރާއި 250 އޭޓީއެމް އަދި ޒަމާނީ ޑިޖިޓަލް ބޭންކިން ހިދުމަތް އަންނަނީ ފޯރުކޮށްދެމުންނެވެ.