ޝަރުއީ ދާއިރާއަށް އަންނަ އަހަރު 660 މިލިއަން ރުފިޔާއަށް ބަޖެޓު ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ. މަހިބަދޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މި ދައުރަށް ސަރުކާރުން 27 ބިލެއް ހުށަހަޅާނެ ކަމަށާއި އޭގެ ތެރޭގައި ކޯޓުތަކަށް ބާރުވެރިކަން ދިނުމަށް ކޯޓުތަކުގެ ގާނޫނަށް ގެންނަ އިސްލާހު ހިމެނޭ ކަމަށެވެ.

ސަރުކާރުން ދަނީ ހަގީގީ މާނައިގައި ކޯޓުތަކާއި ޖުޑީޝަރީއަށް މިނިވަންކަން ދެމުން ކަމަށާއި ކައުންސިލުތަކަށް ފައިސާ ލިބޭ އުސޫލުން ބްލޮކް ގްރާންޓުކޮށް ކަނޑައަޅާފައި ޖުޑީޝަރީގެ ބަޖެޓު ވެސް ދޭން ނިންމަވާފައިވާ ކަމަށެވެ. އަދި އެގޮތަށް ބަޖެޓު ދިނުމުން ހަރަދުކުރުމުގެ މިނިވަންކަން ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އޭގެ އިތުރަށް މިހާތަނަށް ބަޖެޓުގެ ތެރެއިން ޖުޑީޝަރީއަށް ލިބޭ ވަރަށްވުރެ ގިނައިން މިފަހަރު ބަޖެޓު ކަނޑައަޅައިދެން. މިފަހަރު 560 މިލިއަން ޖުޑީޝަރީއަށް އޮތީ، މި އަންނަ އަހަރު 660 މިލިއަން ބަޖެޓުގައި އޮންނާނެ، 100 މިލިއަން އިތުރުވާނެ. އަޅުގަނޑުމެން ބޭނުންވަނީ ޖުޑީޝަރީ އިންޑިޕެންޑެންޓުކޮށް، ފުރިހަމައަށް ފަންކްޝަން ކުރަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރުން އެއްވެސް ހުކުމެއް ކުރާކަށް އަދި ނުކުރާކަށް ވެސް ކޯޓުތަކަށް ސަރުކާރުގެ އެއްވެސް ނުފޫޒެއް މިހާރު ނޯންނާނެ ކަމަށާއި އިންސާފުވެރިކަމާއި އަދުލުވެރިކޮށް ކުރިއަށްގެންދިއުމަށް ސަރުކާރުން ކަންކަން ފެސިލިޓޭޓް ކޮށްދޭނެ ކަމަށް ދަންނަވަމުންދާ ކަމަށެވެ.

މިދިޔަ ސަރުކާރުން އޮތީ ޖޭއެސްސީ ތެރެއަށް ހުރިހާ ބާރެއް ގެންގޮސް، ކޯޓުތައް ތަޅު އަޅުވާފައި ކަމަށާއި އެހެންވީމާ ކޯޓުތަކުގައި ހަގީގަތުގައި އޮންނަންޖެހޭ ބާރުތައް އަނބުރާ ދެމުންދާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.