މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބަށް ވޯޓަކާ ނުލައި ހަތަރު މެންބަރުން ހޮވިއްޖެއެވެ.
އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އީސީން ހުޅުވައިލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބު 2025 ގެ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް މުއްދަތު ހަމަވި އިރު، އިންތިހާބަށް ކުރިމަތިލާފައިވާ ޝަރުތު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން އެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދިއުމާ ގުޅިގެން، ބްރޯޑްކާސްޓަރުން ތަމްސީލުކުރާ މެންބަރުންގެ މަގާމަށް ޝަރުތު ހަމަވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ދެ ކެންޑިޑޭޓުން ކަމަށެވެ.
އަދި، އެހެން މީޑިއާތައް ތަމްސީލުކުރާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާފައިވަނީ އިންތިހާބު ކުރަންޖެހޭ އަދަދަށް ޝަރުތު ހަމަވާ ދެ ކެންޑިޑޭޓުން ކަމަށް އީސީން ބުންޏެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ހޮވުނު އިންތިހާބީ މެންބަރުން
- އަބްދުލްއަޒީޒް އިބްރާހީމް، މޫނިމާގެ / ށ. ފޭދޫ
- ޒަމްއަތު އަހުމަދު ވަހީދު، މަލަ / ގދ. ތިނަދޫ
- ސިމާހާ ނަސީމް، ވެލީގެ / ގދ. ރަތަފަންދޫ
- ހުސައިން ޘަގީފް، ހިސާން / ހދ. ވައިކަރަދޫ
"ވީމާ، ގަވާއިދު ނަންބަރު 2025/R-96 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުން އިންތިހާބުކުރުމުގެ ގަވާއިދު) ގެ 35 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، މަތީގައި ދެންނެވިފައިވާ ފަރާތްތައް، އިންތިހާބުވެއްޖެކަން އާންމުކޮށް އަންގައި އިއުލާންކުރަމެވެ..،" އީސީގެ އިއުލާނުގައި ބުންޏެވެ.
އިންތިހާބުވީ މެންބަރުންގެ ތެރެއިން ހުސައިން ޘަގީފް އަކީ، އާ ގާނޫނާއެކު އުވާލި މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ ރައީސްކަމުގެ މަގާމުގައި އެންމެ ފަހުން ހުންނެވި ބޭފުޅާއެވެ. އަދި ޒަމްއަތު އަހުމަދު ވަހީދު، މިދިޔަ ޖޫން މަހުން ފެށިގެން ހުންނެވީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަގާމުގައެވެ.
އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން އުފައްދާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންގެ މައްޗަށެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް އިންތިހާބުކުރާ ހަތަރު މެންބަރުންގެ ތެރޭގައި ހިމެނޭނީ ބްރޯޑްކާސްޓަރުން ތަމްސީލުކުރާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރާ ދެ މެންބަރުންނެވެ.
މީޑިއާތަކުން އިންތިހާބުގައި ވޯޓުލުމަށް ހުޅުވާލާފައިވާ މުއްދަތު ވެސް ރޭ ވަނީ ހަމަވެފައެވެ. އިންތިހާބުގައި ވޯޓުލުމަށް 190 މީޑިއާއަކުން ވަނީ ރަޖިސްޓަރީވުމަށް ހުށަހަޅައިފައެވެ. ނަމަވެސް، ހަތަރު ކެންޑިޑޭޓުންގެ ޝަރުތު ހަމަވާތީ، އެ ވޯޓު ކުރިއަކަށް ނުގެންދާނެއެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން