އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެއާ ދެކޮޅަށް ކުޅެން ޖެހޭ ދެމެޗުގެ ކުރިން ތަޖިކިސްތާން ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ބަދަލުކޮށްފިއެވެ.
އެގައުމުގެ އެފްއޭއިން އިއުލާނު ކޮށްފައިވާ ގޮތުގައި، ރާއްޖެ މެޗަށް ޓީމު ނުކުންނާނީ ގޯރަން ސްޓެވަނޮވިޗާ އެކުގައެވެ. އެއީ އުމުރުން 58 އަހަރުގެ ސާބިއާ ކޯޗެކެވެ.
އާ ކޯޗު ހަވާލުވުމުގެ ކުރިން ތަޖިކިސްތާންގެ ކޯޗުކަމުގައި އެންމެފަހުން ހުރީ ރާއްޖެއަށް ފަރިތަ ކޯޗެކެވެ. އެއީ 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، އެޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުރި ގެލާ ޝެކިލާޒޭއެވެ. އޭގެ ކުރިން 2022 އިން 2024 އަށް ތަޖިކިސްތާންގެ ކޯޗުކަމުގައި ހުރީ ރާއްޖެއަށް 2018 ވަނަ އަހަރު ސާފްގެ ތަށި ހޯދައިދިން ޕީޓާ ސެގަޓެވެ.
މިފަހަރު ތަޖިކިސްތާނާ ހަވާލުވި ސްޓެވަނޮވިޗް ވަނީ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގާނާއަށްވެސް ކޯޗުކަން ކޮށްދީފައެވެ. އޭގެ އިތުރުން ސާބިއާގެ އެސިސްޓެޓް ކޯޗުކަންވެސް ކުރި ސްޓެވަނޮވިޗް ބުނީ ތަޖިކިސްތާނުގެ ކޯޗުކަމާ ހަވާލުވެވުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، އޭޝިއަން ކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެކަމުގެ އިތުބާރު އެބައޮތް ކަމަށެވެ.
ސްޓެވަނޮވިޗްގެ ވިސްނުން ހުރީ ފެށުން ރަނގަޅު ކުރުމަށެވެ. އެކަމަށް ތަޖިކިސްތާނުން ރާއްޖެއާ ދެކޮޅަށް ނުކުންނަ ފުރަތަމަ މެޗުގައި މާދަމާ އަނެއް ދުވަހު ނުކުންނާނީ އެ ގައުމުގައެވެ.
އޭޝިއަން ކަޕް
އޭޝިއަން ކަޕް
އޭޝިއަން ކަޕް