ކޮންމެ އަހަރަކު ވަޒީރުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅަންޖެހޭ މުދަލާއި ފައިސާގެ ބަޔާން އާންމު ކުރުމަށާއި އެ ބަޔާން ހުށަނާޅާ މެންބަރުންގެ މުސާރައިިން އުނިކުރާގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެންނަން ހުށަހެޅި ބިލް މަޖިލީހށް ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް، މާލިއްޔަތު ކޮމިޓީއަށް ފޮނުވައިފިއެވެ.
މިއީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ބިލެކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލް ބަަލައިގަތީ، ޖަލްސާގައި ތިއްބެވި 62 މެންބަރުންގެ ތެރެއިން ވޯޓު ދެއްވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
ގާނޫނުއަސާސީގެ 138 ވަނަ މާއްދާއަށް އިސްލާހު ގެންނަން މި ބިލު ހުށަހެޅީ، ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކު، އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް، ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެެނެރަލަށް ހުށަހަޅަން ލާޒިމުކޮށްފައިވީ ނަމަވެސް، ބަޔާން ހުށަހަޅާނެ ވަކި މުއްދަތެއް، ކަނޑައަޅާފައި ނެތުމުން ކަމަށް ބިލްގައި ބުނެފައިވެއެވެ.
ވަޒީރުންގެ ދައުރު ފެށުމާއެކު ވަކި މުއްދަތެއްގެ ތެރޭގައި ބަޔާން ހާމަކުރުން ލާޒިމުކަމަށް ކަނޑައަޅާފައި ނުވާތީ، ވަޒީރުންގެ މަގާމުގެ ދައުރު ފަށާއިރު، އެ މީހުންގެ މިލްކިއްޔާތުގައި ހުރީ ކޮން އެއްޗެއްކަން އަދި އެމީހުންގެ މަސްލަހަތު އޮންނަ ވިޔަފާރިތަަކަކީ ކޮބައިކަން ހާމަކުރުން ލާޒިމުކުރުން ކަމަށް ވެސް ބުނެފައިވެއެވެ.
ގާނޫނުއަސާސީގެ 138 ވަނަ މާއްދާގައި މިހާރު އޮންނަނީ، ވަޒީރުންގެ މަޖިލީހުގެ ކޮންމެ މެންބަރަކުމެ، ކޮންމެ އަހަރަކު އެއްފަހަރު އެ މެންބަރެއްގެ މިލްކިއްޔާތުގައިވާ މުދަލާއި ފައިސާގެ ހިސާބުތަކާއި ވިޔަފާރީގެ މަސްލަހަތުތަކާއި އަރަންޏާއި ދަރަނި ހާމަކޮށް ތައްޔާރުކުރާ ބަޔާނެއް އޮޑިޓާ ޖެނެރަލަށް ހުށަހަޅާންވާނެ ކަމަށެވެ.
ނަމަވެސް މި މާއްދާ އިސްލާހުކޮށް ހަ އަކުރެއް އިތުރުކުރަން މެންބަރު ވަނީ ހުށަހަޅުއްވައިފައެވެ.
އެގޮތުން ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން ރައްޔިތުންގެ މަޖިލިހާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންޖެހޭ ގޮތަށް ބަދަލުކުރަން ވަނީ ހުށަހަޅައިފައެވެ.
މީގެ އިތުރުން މި މާއްދާއަށް އަލަށް އިތުރުކުރި (ށ) ގައި ބަޔާން ހުށަޅަންޖެހޭ މުއްދަތު ވަނީ ބަޔާންކޮށްފައެވެ. އެގޮތުން، މި މާއްދާގައި އަހަރު ކަމަށް މާނަކޮށްފައިވަނީ އެ މީހަކު ވަޒީރުކަމާ ހަވާލުވި ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ހަމަވާ ތާރީހު ކަމަށް ވަނީ ހިމަނައިފައެވެ.
އިތުރު އިސްލާހުތައް:
- (ނ) މި މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުގެމަތިން، އެއް އަހަރު ދުވަހުގެ މުއްދަތު ގުނާ ނިމޭ ތާރީހުން ފެށިގެން 90 ދުވަހުގެ ތެރޭގައި އެ ބަޔާން، މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅާންވާނެއެވެ.
- (ރ) މި މާއްދާގެ (ހ) ގައިވާ ބަޔާނަކީ އިންސްޓިޓީއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑީވްސް އިން އޮޑީޓް ލައިސަންސް ދޫކޮށްފައިވާ ލައިސަންސްޑް އޮޑިޓަރަކު ވެރިފައިކޮށްފައިވާ ބަޔާނަކަށް ވާންޖެހޭނެއެވެ.
- (ބ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ބަޔާން ހުށަނާޅައިފިނަމަ، އެ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ ވަޒީރެއްގެ މުސާރައިން ދުވާލަކަށްޖެހޭ އަދަދަށް ކެނޑެމުންދާނެއެވެ.
- (ޅ) މި މާއްދާގެ (ހ) ގައިވާގޮތުގެ މަތިން، ބަޔާން ހުށަހެޅުމުގެ އިތުރަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމަށް އައްޔަންކުރާ ކޮންމެ މީހަކު، އޭނާގެ މަގާމާ ހަވާލުވާ އިރު، އޭނާއަށް ލިބިފައިވާ އާމްދަނީ އާއި އޭނާގެ ނަމުގައި ހުރި މުދަލާއި އޭނާ އަދާކުރަންޖެހޭ ދަރަނީގެ ޒިންމާ އެނގޭނެ މުދަލާއި ފައިސާގެ ބަޔާން، މަގާމާ ހަވާލުވާ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހަށާއި އޮޑިޓާ ޖެނެރަލަށް ހުށަހަޅަންވާނެއެވެ.
- (ކ) މި މާއްދާގެ (ހ) އަދި (ށ) ގެ ދަށުން ހުށަހަޅާ، ވަޒީރުންގެ މުދަލާއި ފައިސާގެ ބަޔާން އޮޑިޓާ ޖެެނެރަލް އާންމުކޮށް ޝާއިކުރަންވާނެއެވެ.
އިބްރާހިމް ޒަކީ
ބޭރު ކުޅިވަރު
ކުށް
ކުށް
އެމެރިކާ