"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންސް ބިލު" ފާސްކުރުމަށް މިދިޔަ ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ހިޔާލު ތަފާތުވުން ބޮޑުވެ ހިނގައި ދިޔަ ކަންތައްގަނޑުގައި އެ ކޮމިޓީގެ މައިކުތަކަށް ގެއްލުންވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީއަށް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީން އަބްދުﷲ ގެ ފަރާތުން އެ މައްސަަލަ ކޮމީޓީއަށް ހުށަހެޅުއްވީ އެ ކޮމިޓީގެ ލަފައެއް ހޯއްދެވުމަށެވެ.

އެކަމާ ގުޅިގެން މަޖިލިސް ރައީސް ކޮމިޓީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ އެދުވަހު ކޮމިޓީގައި ހިނގައި ދިޔަ ކަންތައްތަކުގައި ކޮމިޓީގެ މައިކުރޯފޯނަކާއި ދެ މައިކްރޯފޯންގެ ބޭސް ބަދަލު ކުރަންޖެހޭ ވަރަށް ގެއްލުން ވެފައިވާ ކަމަށެވެ.

އެހެންކަމުން އެކަމުގައި އަމަލު ކުރާނެ ގޮތުގެ ލަފައެއް ކޮމިޓީން ދެއްވުމަށް ވެސް އެދިވަޑައިގެންނެވިއެވެ.

މި މައްސަލައިގައި ކޮމިޓީގައި ކުރިއަށްދިޔަ ބަހުސްގައި، މާވަށު ދާއިރާގެ އެމްޑީޕީ މެންބަރު އަހްމަދު ޝާކިރު ވިދާޅުވީ، އެކަމުގެ ބަދަލުގެ ގޮތުގައި ކޮންމެ ވެސް މެންބަރަކު ފައިސާ ދައްކައި ނިންމަވާފައިވާކަން، ނޫހަކުން ފެނުނު ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު އެނގިގެން ނޫނީ އެކަމަށް ވާހަކަ ނުދެއްކޭނެ ކަމަށްވެސް ވިދާޅުވިއެވެ

އެ ވާހަކައާ ގުޅިގެން ކޮމިޓީގެ މުގައްރިރު ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީމް މުހައްމަދު ވިދާޅުވީ، އެ މައުލޫމާތު ސާފު ކުރެއްވުމަށްފަހު މެންބަރަށް ދެއްވާނެ ކަމަށެވެ.

އެދުވަހު ކޮމިޓީ މައިކު ހަލާކުވި ކަންތަކުގައި ހިމެނެނީ އެމްޑީޕީގެ ދެ މެންބަރަކާއި ޕީއެންސީގެ މެންބަރެއްކަން ފާހަގަ ކުރައްވައި އެކަންތަކުގައި ސީދާ މައިކް ހަލާކުކުރީތޯ ބެލުމަށް މައްސަލަ ތަހުގީގު ކުރަން، ކުޑަ ކޮމިޓީއެއް އެކުލަވާލަން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ހުށަހެޅުއްވިއެވެ.

މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ވިދާޅުވީ، މީގެ ކުރިން އޮތް މަޖިލިސްތަކުގައި ވެސް އެފަދަ ކަންކަން ހިނގާފައިވާ ކަމަށާއި އެފަދަ ކަންކަމުގައި މެންބަރުންނަށް ފިޔަަވަޅު އެޅުމުގެ ގޮތުން، ވަކި މުއްދަތަކަށް މަޖިލިސް ދައުރުތަކުން މެންބަރު ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން އެއީ ކިހިނެއް ހިނގައި ދިޔަ ކަމެއްތޯ ބަލަންޖެހޭ ކަމަށާއި އެކަމުގައި މަޖިލިސް ރައީސް ކަންކުރީ ކިހިނެއްކަން އޮޅުންފިލުވަންޖެހޭ ކަމަށާއި އެކަމުގައި ޝާމިލްވާ މެންބަރުން ކޮމިޓީއަށް ހާޒިރުކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަަމަވެސް ކޮމިޓީ މުގައްރިރު ވިދާޅުވީ، އެ ކޮމީޓީގެ ބައެއް މެންބަރުން އެހެން ކޮމިޓީތަކުގައި ތިބުމާއި ބައެއް މެންބަރުން މިއަދު ވަޑައިގެންފައިނުވާތީ، އެ މައްސަލައަށް އެހެން ދުހަކު އިތުރަށް ބަހުސް ކުރުމަށް ނިންމަވާ ކަަމަށެވެ. އެހިސާބުން ކޮމިޓީ ނިންމަވައިލެއްވިއެވެ.