މާލެ އޭރިޔާ ސަރަހައްދުގައި ހުޅުވާ ހަ ވަނަ ފަޔާ ސްޓޭޝަން އދ. މާމިގިލީގައި ހުޅުވައިފިއެވެ.

މާމިގިލީ ފަޔާ ސްޓޭޝަން ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. އެ ސްޓޭޝަން ހުޅުވައިދެއްވީ ރައީސް، އދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުގައި މާމިގިއްޔަ ވަޑައިގެން މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

"މި ފަޔާ ސްޓޭޝަން ހުޅުވުމާއެކުގައި ދިވެހިރާއްޖޭގައި ހުޅުވި ފަޔާސްޓޭޝަންގެ އަދަދު 15 އަށް އިތުރުވެގެންދާނެ. މާމިގިލީގައި މި ހުޅުވޭ ފަޔާ ސްޓޭޝަންގެ ސަބަބުން ދިވެހިރާއްޖޭގައި އަލިފާން ނިއްވުުމުގެ ހިދުމަތަށް އިތުރުކުރިއެރުން ލިބިގެންދާނެ." އެރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާސްޓާ އޮފް ސެރަމޮނީ ވޮރެންޓް އޮފިސާ އާސިމް ރަޝީދު ވިދާޅުވިއެވެ.

އެރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެެމްއެންޑީއެފް ފަޔާއެންޑް ރެސްކިއު ސާވިސްގެ ކަމަޑާން އާއި ސާވިސް ކޯގެ ކަމަޑާން އާއި މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް އާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތަށް ފަހު ރައީސް ވަނީ މާމިގިލި ފަޔާ ސްޓޭޝަން ބައްލަވާލައްވައިފައެވެ.