ގައުމީ ކުޅިވަރު އެތުލީޓުންގެ ހިދުމަކީ ގައުމީ ހިދުމަތެކެވެ. ގައުމީ ޖޯޝަށްޓަކައި، ގައުމަށް ރީތި ނަން ހޯދައިދިނުމަށްޓަކައި އެތުލީޓުން އުފުލާ ބުރަ އަބަދުވެސް ސާފެވެ. އެކަމަށް ގައުމު ތައުރީފުވެސް ކުރެއެވެ. ކޮންމެ ކާމިޔާބީއެއް ފާހަގަވެސް ކުރެއެވެ. މާފަތިތަކާއި މާބޮނޑިތަކުންނެވެ. ކިޔަމުން އަންނަ މަރުހަބާއިންނެވެ. އެކަމުގެ އަގު ވަޒަން ކުރުމަށް ހަފުލާތައްވެސް ބާއްވަމުންދެއެވެ. އެކަންކަން ތަކުރާރުކޮށް ފެންނަމުންދާ ނަމަވެސް، ގިނަ ބައެއްގެ ނަޒަރުގައި ހަގީގީ ތައުރީފަކީ ރައްކާތެރިކަމެވެ. ހާއްސަކޮށް ކެރިއަރުގެ ރައްކާތެރިކަމެވެ.
ވަރަށް ގިނަ ޒަމާން ވަންދެން ދެކެވެމުން އަންނަ، މިހާރުވެސް ދެކެވޭ ވާހަކައެކެވެ. ގައުމީ ޓީމު ތަމްސީލުކުރަމުން އަންނަ އެތުލީޓުންނަށް ދިމާވާ އަނިޔާތަކުގެ ވާހަކައެވެ. އަނިޔާތަކުގެ ސަބަބުން ގެއްލިގެންދާ ހުނަރުވެރީންގެ ވާހަކައެވެ. އަނިޔާއަކާ ހިސާބުން، އަމިއްލަ އާއިލާ ކައިރިއަށް ބަދަލުވެ، އަނިޔާއިން ރަނގަޅުވާން އަމިއްލަ ޖީބުން ކުރަން ޖެހޭ ހޭދައިގެ ވާހަކައެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އައި ބަދަލާއެކު، މިއަދާ ހަމައަށްވެސް ގިނަ ފަހަރަށް ވެރިކަމާ ހަވާލުވާ ވެރިއެއްގެ ވައުދުނާމާގައި އެކަން ހިމެނެންވެސް ހިމެނެއެވެ. އެއީ މިހާރު މި ހިނގަމުންދާ ވެރިކަމުގެ ކުރިއަށްވެސް ދެކެވުނު ވާހަކައެކެވެ. އެންމެފަހުން ވެރިޔަކު ހޮވުމަށް ބޭއްވި އިންތިހާބަށް ކުރި ކެމްޕޭނުގައި، ވާދަކުރި މައި ދެ ޕާޓީގެ ވައުދު ލިސްޓްގައިވެސް އެކަން ހިމެނުނެވެ. އެ މަސައްކަތް އެއީ އަވަސް ކުރަން ޖެހޭނެ މަސައްކަތްތަކެއް ކަމަށް މިހާރުވެސް އަންނަނީ ފާހަގަކުރެވެމުންނެވެ. ކަންބޮޑުވާން މި ޖެހެނީ، މިއަދާ ހަމައަށްވެސް އެކަން ކުރާނެ ހަރުދަނާ އުސޫލެއް ނެތުމުންނެވެ.
ދާދި އެއްކަހަލަ މައްސަލަތަކެއް، ނިޒާމުގެ ތެރެއިން ހައްލު ހޯދަން އުނދަގޫ
ރާއްޖޭގެ ކުޅިވަރު އެތުލީޓުންގެ ތެރެއިން އެތައް ހުނަރެއް ފަނޑުވެ، ނެތިގެން ދިޔަ އެއް ސަބަބަކީ ބޮޑެތި އަނިޔާތަކެވެ. ހާއްސަކޮށް އަނިޔާތަކަށް އެކަށީގެންވާ ފަރުވާ ހޯދޭނެ މާލީ ތަނަވަސްކަން ކުޅުންތެރިންގެ އަމިއްލަ އާއިލާތަކުގައި ނެތުމުން ގެއްލިގެން ދިޔަ ހުނަރުތައް މަދެއް ނޫނެވެ. އެކަަހަލަ އެތައް މިސާލެއް މިހާތަނަށް ފެނިގެން ގޮސްފައި ވެއެވެ. އެއީ ހަމައެކަނި ގައުމީ ޓީމުތަކުން އެކަންޏެއް ނޫނެވެ. އެކި ކުޅިވަރުގެ ކްލަބު ލެވެލްގައިވެސް، އަނިޔާއަކާ ހިސާބުން ބާކީ ވާން ޖެހުނު އެތުލީޓުން މަދެއް ނޫނެވެ.
ކުޅިވަރު ކްލަބުތަކުގެ އެ އިހުމާލަށް މަޑުމަޑުން ހެޔޮ ބަދަލުތަކެއް އަންނަމުން ގޮސް، މިހާރަކަށް އައިސް ކްލަބުތަކުގެ ފެންވަރުގައި އެތުލީޓުންނަށް ބޭސްފަރުވާ ކޮށްދޭން މަސައްކަތް ކުރާތަން ފެނެއެވެ. އެހެން ނަމަވެސް ހަގީގަތަކީ އެއީ ގައުމީ އެތުލީޓުންނަށް ހައްގު މިންވަރު ނޫންކަމެވެ. އަބަދުވެސް އިންޝުއަރެންސްގެ ވާހަކަ ދެކެވެނީ އެފަދަ ހާލަތެއް ދިމާވުމުންނެވެ. މިފަހަރުވެސް އެ ވާހަކަ މި ދެކެވެނީ އެކަހަލަ ހާލަތަކާ ކުރިމަތިވުމުން ކަމަށް ވެދާނެއެވެ.
ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ)ގެ އަނިޔާއެއްގެ ސަބަބުން ކުޅުންތެރީންގެ ވެލްފެއާގެ ވާހަކަ އަލުން ދެކެވެން ފަށައިފިއެވެ.
އޭއެފްސީ އޭޝިއަން ފުޓްސަލް ކަޕްގެ ކޮލިފިކޭޝަންގައި މިޔަންމާއާ ދެކޮޅަށް ރާއްޖެއިން ކުޅުނު ފަހު މެޗުގައި 7-3 އިން ބަލިވި އިރު، އެ މެޗުގެ ތެރެއިން ހާއްޕެއަށް ވަނީ ސީރިއަސް އަނިޔާއެއް ލިބިފައެވެ. ހާއްޕެގެ ވާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާގެ ސަބަބުން މިޔަންމާގައިވެސް އޭނާއަށް ފަރުވާ ދީފައިވެއެވެ. ކުޑަހުޅުގެ ކަށިގަނޑެއްގައި ރެނދުއެޅުމުގެ ސަބަބުން ޕްލާސްޓަރު ކޮށްފައިވާ އިރު، ހާއްޕެއަށް މެޑިކަލް ޓީމުން އިރުޝާދު ދީފައި ވަނީ ވީ އެންމެ އަވަހަކަށް ސާޖަރީ ކުރުމަށެވެ.
ކޮންމެއަކަސް، އެ ފަރުވާއަށް ހާއްޕެ މިފަހަރު ބަރޯސާވީވެސް ގައުމަށެވެ. އެއީ ގައުމީ ހިދުމަތުގައި އޭނާއަށް ލިބުނު އަނިޔާއަކަށްވީތީ އެވެ. މީގެ ކުރީން ލިބުނު އަނިޔާތަކުން އަރައިގަންނަން އަމިއްލައަށް އެތައް ހަރަދެއް އޭނާ ކުރިވެސް މެއެވެ.
"ވަން ސްޕޯޓްސް"އަށް އިތުބާރު ހުރި މަސްދަރަކުން އެނގިފައިވާ ގޮތުގައި، ހާއްޕެ ބޭނުންވާ ގައުމަކުން ސާޖަރީ ހެދޭނެކަމަށް އޭރު ޓީމުން ބުނެފައިވެއެވެ. އެހެންކަމުން ހާއްޕެ ފުރަތަމަ ނިންމީ ތައިލެންޑުން ސާޖަރީ ފުރިހަމަ ކުރުމަށެވެ. އެއީ މެޑިކަލް ބައެއް ފަރާތްތަކުގެ ލަފަޔާވެސްއެކު ވީ އެންމެ އަވަހަކަށް ކުޅެން ނުކުތުމަށް ބޭނުންވާތީއެވެ.
ހާއްޕެ އެގޮތަށް ނިންމި ނަމަވެސް، ފަހުން އެފްއޭއެމްގެ މަޝްވަރާއާއެކު އިންޑިއާއިން ސާޖަރީ ކުރަން އެއްބަސްވުމަކަށް ގޮސް، އެކަމުގައި އެންސްޕާއަށް އެދުނު ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. އެންސްޕާ މެދުވެރިވެ، ސާޖަރީއަށް ބޭނުންވާ ހަރަދު ފައިނަލް ކުރި ނަމަވެސް، ފުރޭނެ ދުވަހަކަށް ޖެހުނީ އިންތިޒާރުކުރާށެވެ.
އެންސްޕާގެ އެހީއަކީ އާއްމު ރައްޔިތުންނަށްވެސް އޮންނަ އުސޫލުން ހަމަޖެހޭ އެހީއަކަށްވާ އިރު، ސާޖަރީއަށް ނުދެވި މިހާތަނަށް ވަނީ 15 ވަރަކަށް ދުވަސްވެފައެވެ. ބޮޑު މުބާރާތެއް ގެއްލި ހާއްޕެ މާޔޫސްކަމުގައި ހުންނަން ޖެހުނު އިރު، ލިބުނު އެއް ހިތްހަމަޖެހުމަކީ އެކަމުގައި އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) ވިދާޅުވި ވާހަކަ ކަމަށް ވެދާނެއެވެ.
ތޯރިގު ފޭސްބުކްގައި ވިދާޅުވީ "އިންޖަރީ ވި ފުޓްސަލް ޕްލޭޔަރު އިންޑިއާއިން އޮޕަރޭޝަންކުރަން އެއްބަސްވީ ބުރާސްފަތި ދުވަހު މަޝްވަރާއަށްފަހު، އޮޕަރޭޝަނަށްދާނެ ހަރަދާއި ކުޅުންތެރިޔާއާއި ދެ އެހީތެރިންގެ ޓިކެޓާއި، ތިބުމާއި ކެއުމުގެ ހަރަދުކުރާނީ އެފްއޭއެމުންނާއި ސަރުކާރުގެ އެންސްޕާގެ އެހީތެރިކަމާއެކު،" ކަމަށެވެ.
ކޮންމެއަކަސް، އެފްއޭއެމްއިން އެކަމުގައި އެހީވާން މަސައްކަތް ކުރަމުން އަންނަ ނަމަވެސް، ހަގީގީ މަންޒަރަށް ބަލައިލުން މުހިއްމުކެމެވެ. ގައުމީ ޓީމަށް ކުޅެނިކޮށް، ގައުމީ ޖާޒީގައި ކުޅެމުން ދަނިކޮށް އަނިޔާވި ކުޅުންތެެރިއެއްގެ ފަރުވާ އެތައް ދުވަހަކަށް ލަސްވުން އެއީ ކަންބޮޑުވުމެކެވެ. އެއީ އެކަން ހިނގަން ޖެހޭ، އަދި އެހެން ގައުމުތަކުގައި ހިނގަމުން އަންނަ މަގެއްވެސް ނޫނެވެ. ވަގުތުން އެ ފަރުވާ ލިބޭނެ އިންތިޒާމެއް އޮންނަން ޖެހެއެވެ. އެއީ އެކަމުގައި ހިޔާލުފާޅުކުރި އެތައް ބައެއްގެ ވިސްނުމެވެ. ގައުމުގައި ކުރާ އެހެން ހަރަދުތަކަށް ބަލައި، ކުޅުންތެރީންނަށް އަނިޔާއިން އެނބުރި އަންނަން އަބުރުވެރި ނިޒާމެއް އޮތުން މުހިއްމު ކަމަށް އެންމެންވެސް ދެކެއެވެ.
ވައުދުގައި ހިމެނޭ، ކުޅިވަރު ފަންޑާއި އިންޝުއަރެންސްގެ މަސައްކަތް ކުރިއަށްދޭ
ރާއްޖޭގެ ކުޅިވަރު އެތުލީޓުންނަށް ދޭ މުސާރަ ބޮޑުކޮށް، އެތުލީޓުންނާއި އޮފިޝަލުންނަށް ހާއްސަ އިންޝުއަރެންސް ޕެކޭޖެއް ތައާރަފު ކުރަން ނިންމާފައިވާ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ފުރަތަމަ ވިދާޅުވީ 2024 ވަނަ އަހަރު ސެޕްޓެމްބަރު މަހުގައެވެ.
"ގައުމީ އެތުލީޓުންނާއި ކުޅުންތެރިން އަދި އޮފިޝަލުންގެ މުސާރަ އެއްވަރުކޮށް، މިހާރު މުސާރަ ދޭ އުސޫލު ރިވިއުކުރުމުގެ މަސައްކަތް ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ދަނީ ކުރަމުން. ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޝުއަރެންސަށް ބޭނުންވާ ފައިސާ، 2025 ވަނަ އަހަރުގެ ބަޖެޓަށް ވާނީ ހުށަހަޅައިފައި. މާތްﷲ އިރާދަކުރެއްވިއްޔާ ގައުމީ އެތުލީޓުންނާއި އޮފިޝަލުންގެ އިންޝުއަރެންސް އަންނަ އަހަރު ހަމަޖެހިގެން ދާނެ،" ރާފިއު އެފަހަރު ވިދާޅުވިއެވެ.
ކުރިންވެސް ފާހަގަކުރިހެން، 2018 އަދި 2023 ވަނަ އަހަރުގެ އިންތިހާބުތަކަށް ކެމްޕޭން ކުރިއިރުވެސް އެ ވައުދު ހުރިހާ ކެނޑިޑޭޓުންވެސް ވިއެވެ. ނުވެ އޮތީ އަމަލީ މަސައްކަތެވެ.
އަމަލީ މަސައްކަތް މިހާރު އޮތް ހިސާބު ސާފުކޮށްލުމަށް "ވަން ސްޕޯޓްސް"އިން މިނިސްޓަރު ރާފިއުއާ ސުވާލުކުރުމުން ޖަވާބުގައި ވިދާޅުވީ ކުޅުންތެރިންގެ އިންޝުއަރެންސް ގާއިމުކުރުމަށް ބާރު ސްޕީޑުގައި މަސައްކަތް ކުރެވެމުންދާ ކަމަށެވެ.
"ކުޅިވަރު ކުޅުންތެރިންގެ އިންޝުއަރެންސް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި މިހާތަނަށް ކުންފުނިތަކުގެ ޕްރޮޕޯސަލްތަކެއްވެސް ވަނީ ލިބިގެން ގޮސްފަ. އަދި އެކަމުގައި ކުރަން ޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ދަނީ މަސައްކަތް ކުރެވެމުން. އިންޝާ ﷲ އެންމެ ލަސްވެގެންވެސް އަންނަ އަހަރުގެ ޖެނުއަރީއަށް އެ މަސައްކަތް ރަސްމީކޮށް ނިންމާލެވޭނެ،" ރާފިއު ވިދާޅުވިއެވެ.
އެކަމުގައި ދެން އޮތް އަނެއް އެހީއަކަށް ވާނީ ގާނޫނަށް ގެނައި އިސްލާހާއެކު އުފައްދަން ނިންމާފައިވާ ކުޅިވަރު ފަންޑެވެ. ގާނޫނު ނަންބަރު 30/2015، ކުޅިވަރު ގާނޫނަށް ބޮޑެތި އިސްލާހުތަކެއް ގެންނަން މަޖިލީހަށް ހުށަހެޅި ބިލް ފާސްވެގެން ދިޔައީ ގާނޫނު އިސްލާހުކުރާތާ 60 ދުވަހުގެ ތެރޭގައި ކުޅިވަރު ފަންޑެއް އެކުލަވާލަން ޖެހޭނެ ކަމަށް ގާނޫނުން ލާޒިމުކޮށްފައި އޮވެގެންނެވެ.
އެއީ ކުޅުންތެރިންގެ އިންޝުއަރެންސާ ސީދާ ގުޅުން ނެތް ފަންޑެއް ނަމަވެސް، ގާނޫނު ހުއްދުކުރާ ގޮތަކަށް ކުޅިވަރުގެ ފައިސާ ހަރަދުކުރުމުގެ ބާރު ފަންޑަށް ލިބިގެން ވެއެވެ.
އެ ފަންޑް ހިނގާނީ ކުޅިވަރާ ބެހޭ ވަޒީރު އައްޔަން ކުރައްވާ ހަ މެންބަރުންނާއެކު، ވަޒީރުވެސް ހިމެނިގެން އުފައްދާ ބޯޑަކުންނެވެ. ބޯޑަށް މެންބަރުން އައްޔަންކުރުމުގެ އުސޫލުތަކާއި ބޯޑުގެ ހިންގުމުގެ އުސޫލުތައް، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާން ކުރަން ޖެހެއެވެ.
އެ ބޯޑުގެ ކަންކަން ނިންމުމަށް އެކިއެކި ބައްދަލުވުންތައް ބޭއްވި، މިހާރު އިދާރީ ކަންކަން ނިންމައި، އެކައުންޓް ހުޅުވުމާ ހަމައަށް ގޮސްފައިވާ ކަމަށް މިނިސްޓަރު ރާފިއު "ވަން ސްޕޯޓްސް"އަށް ވިދާޅުވިއެވެ.
ކޮންމެއަކަސް އިންޝުއަރެންސްގެ މަސައްކަތް ކުރިއަށްދާ ވާހަކައަކީ އެތުލީޓުންނަށް ލިބޭނެ ހިތްވަރެކެވެ. އެހެން އެކަން އޮތް ނަމަވެސް، މިދިޔަ 10 ވަރަކަށް އަހަރުވެސް އެކަން އޮތީ ކުލަ ނުޖެހި އޮތް ހުވަފެނެއްގެ ގޮތުގައެވެ. އެހެންކަމުން އެކަމުން ހަގީގީ އުފާވެރިކަން އެތުލީޓުންނަށް ލިބޭނީ އަމަލީ މަސައްކަތް ފުރިހަމަކުރެވުމުންކަން ޔަގީނެވެ. ކުޅިވަރު ފަންޑާއި އިންޝުއަރެންސްގެ މަސައްކަތް އަވަސްވުން އެއީ މިހާރު މަޖުބޫރުވެފައިވާ ކަމެކެވެ.
މުޙައްމަދު ޝަމްޢޫން
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު