ފްރާންސުގެ ބޮޑު ވަޒީރުކަމުގެ މަގާމުގައި ހުންނެވި ސަބެސްޓިއަން ލެކާނޯ، އެ މަގާމާ ހަވާލުވެވަޑައިގެންނެވިތާ 26 ދުވަސް ފަހުން އިސްތިއުފާ ދެއްވައިފިއެވެ.

ފްރާންސުގެ ބޮޑު ވަޒީރުކަމުން އިސްތިއުފާ ދެއްވިކަން ސަބެސްޓިއަން ލެކާނޯ ވަނީ އިއްޔެގެ ވަގުތެއްގައި ރަސްމީކޮށް އިއުލާން ކުރައްވައިފައެވެ.

ބޮޑުވަޒީރު ކަމާ ހަވާލުވުމަށްފަހު ސަބެސްޓިއަން ލެކާނޯ އިއްޔެ އިސްތިއުފާ ދެއްވާފައިވާ އިރު، އާދިއްތަ ދުވަހު ވަނީ ކެބިނެޓް އެކުލަވާލައި މަގާމުތައް ވެސް ހަވާލުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފްރާންސުގެ ސިޔާސީ ހަމަނުޖެހުން ބޮޑުވެ އެގައުމުގެ ސަރުކާރު ހަމަޔަކަށް އެޅުމަށް ހުރަސް އެޅިފައިވާ އިރު، ބޮޑުވަޒީރު އިސްތިއުފާ ދެއްވުމާއެކު ރައީސް އެމަނުއެލް މެކަރޮން ވަނީ ސަބެސްޓިއަން ލެކާނޯ އަރިހުން ގައުމު ހަމަޔަކަށް އެޅުމަށް ކުރަމުން އަންނަ މަސައްކަތުގައި އެހީތެރިވެދިނުމަށް އެދިވަޑައިގެންފައެވެ.

ސަބެސްޓިއަން ލެކާނޯ ބޮޑުވަޒީރުކަމާ ހަވާލުވެ ފްރާންސުގެ ސިޔާސީ މަޝްރަހު ހަމަޔަކަށް އެޅުމުގައި މަސައްކަތް ކުރި ނަމަވެސް ބޮޑުވަޒީރު އެކުލަވާލި ކެބިނެޓަށް ވޯޓު ލިބުމަށް ވެސް ހުރަސް އެޅިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.