އުޒްބަކިސްތާނުގެ ތާރީހުގައި އެގައުމުން ކުޅޭ ފުރަތަމަ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން، ގައުމީ ޓީމުގެ ކޯޗަކަށް ކުރިން އިޓަލީ ކެޕްޓަނެއްގެ ގޮތުގައި ދުނިޔޭ ޗެމްޕިއަންކަން ހޯދާފައިވާ ފަބިއޯ ކަނަވާރޯ ހަމަޖައްސައިފިއެވެ.

ސެންޓްރަލް އޭޝިއާގެ ގައުމެއް ކަމަށްވާ އުޒްބަކިސްތާނުން އަންނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފިކޭޝަން ޔަގީން ކޮށްފައިވާ އިރު، އެގައުމުގެ އެފްއޭއިން ބުނީ ކަނަވާރޯއާ ކޯޗުކަން ހަވާލުކުރީ ތަޖުރިބާއަށް ބަލައި، ގައުމީ ޓީމަށް ފައިދާ ހޯދައިދެވޭނެކަން ޔަގީންކޮށްގެން ކަމަށެވެ.

އުމުރުން 52 އަހަރުގެ ކަނަވާރޯއަކީ 2006 ވަނަ އަހަރު އިޓަލީން ވޯލްޑް ކަޕް ހޯދި ޓީމުގެ ކެޕްޓަނެވެ. އެ ޖީލުގެ އެންމެ މޮޅު އެއް ޑިފެންޑަރު ކަނަވާރޯއަކީ ކާމިޔާބު ކުޅުންތެެރިއެއް ނަމަވެސް، އެއީ ކޯޗެއްގެ ގޮތުގައި އެހާ މަގުބޫލު މޫނެއް ނޫނެވެ.

އެންމެފަހުން ކަނަވާރޯ ކޯޗުކަން ކޮށްދިނީ ޑައިނަމޯ ޒަގްރެބަށެވެ. އެ ކްލަބާ އޭނާ ހަވާލުވެހުރީ އެންމެ ހަތަރު މަސް ދުވަހަށެވެ. މަގާމު ދޫކޮށްލީ އޭޕްރީލް މަހުގައެވެ.

ކަނަވާރޯ ވަނީ ޗައިނާއާއި ސައުދީ އަރަބިއާ ކްލަބުތަކަށްވެސް ކޯޗުކަން ކޮށްދީފައެވެ. އޭގެ އިތުރުން 2019 ވަނަ އަހަރު، ޗައިނާ ގައުމީ ޓީމުގެ ވަގުތީ ކޯޗުކަމާވެސް ކަނަވާރޯ ހަވާލުވެ ހުއްޓެވެ.

ކަނަވާރޯގެ ކުރިން އުޒްބަކިސްތާން ތާރީހީ ފުރަތަމަ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދިނީ ތިމޫރް ކަޕަޑްޒޭއެވެ. އޭނާ ޓާގެޓް ހާސިލް ކުރުމަށްފަހު އެއްބަސްވުން އާ ނުކުރަން ނިންމީއެވެ.