ރައީސް ޑރ. މުހައްމަދު މުއިއްޒު ފަދަ އިހުލާސްތެރި ނިޔަތެއް އޮތް ވެރިޔަކު މިހާތަނަށް ދެކިފައި ނުވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އދ. އަތޮޅުގެ ރަށްތަކަށް ރައީސް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހަވީރު ފެންފުށީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް ވިދާޅުވީ ދޮށީ މީހެއްގެ ހައިސިއްޔަތުން ނުވަތަ ގިނަ ކަންތައްތަކެއް ދުށް މީހެއްގެ ހައިސިއްޔަތުން، އަމަލީ މަސައްކަތްތައް ކުރި މީހެއްގެ ހައިސިއްޔަތުން އަދި ކުރަމުންދާ މީހެއްގެ ހައިސިއްޔަތުން ރައީސް މުއިއްޒު ފަދަ ވެރިޔަކު މިހާތަނަށް ދެކެފައިނުވާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން އޮތީ 2008 ވަނަ އަހަރު މި ގާނޫނުއަސާސީ ބަދަލުވެގެން އައި ފަހުން ވެރިކަން ކުރަން މަނިކުފާނު ހަވާލުވެވަޑައިގަތުމާ ހަމައަށް، އަޅުގަނޑު ނުދެކެން މަނިކުފާނު ހަވާލުވެވަޑައިގެންނެވި ފަހުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި އެ ހިތްވަރާއި އަޒުމާއެކީގައި، އިހުލާސްތެރި ނިޔަތެއް އޮވެގެން ކުރިއަށް މަސައްކަތް ކުރައްވަމުންގެންދަވާ އަދި އެއްވެސް ވެރިޔަކު ހަމަގައިމުވެސް އަޅުގަނޑު ނުދެކެން،" އޭނާ ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ އޭނާ އަކީ މި ގައުމަށްޓަކައި، މި ގައުމުގެ ކުރިއެރުމަށްޓަކައި ވަރަށް ގިނަގުނަ ގުރުބާނީތަކެއް ވަމުންދިޔަ އަދި މިހާތަނަށް ވެސް ވަމުންދާ މީހެއް ކަމަށާއި މިއަދު މި ދެކޭ ތަރައްގީގެ ފެށުން އައުމުގައި ވެސް ބުރަ އުފުލާފައިވާނެ ކަމަށެވެ.
ރައީސް މުއިއްޒު ގެންދަވަނީ ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާއި ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ އަޑު އައްސަވައި ވަގުތުން ކޮށްދެވެން ހުރި ކަންތައްތައް ކޮށްދެއްވުމަށް މިނިސްޓަރުންނަށް އިރުޝާދުދެއްވަމުން ކަމަށް ގާސިމް ފާހަގަކުރެއްވިއެވެ.
"އެކަމަށް އެހީތެރިވެދެއްވަން ހުރިހާ ފަރާތްތަކަށް އަންގަވައި، ކުރިއަށްގެންދެވިކަން އެއީ އަޅުގަނޑު މި ދަންނަވާ ވާހަކައަކީ. އަޅުގަނޑު ހަމަ ނުދެކެން މިފަދަ ވެރިއެއް. އަޅުގަނޑު ހުޝާމަދު ކުރަނީކީ، އަޅުގަނޑު ހިތުގެ އަޑިން ގަބޫލުކުރާ ވާހަކައެއް މި ދަންނަވަނީ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް