އދ. ފެންފުށި ވޮލީ ކޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.

އދ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ހަވީރު ފެންފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އާއި، ފެންފުށީ ކައުންސިލު މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

6 އޮކްޓޯބަރު 2025، އދ. ފެންފުށީ ވޮލީ ކޯޓުގެ އަމަލީ މަސައްކަތް ފެށުން -- ފޮޓޯ/ އެމްޓީސީސީ

އެމްޓީސީސީން ބުނީ 1220 މީހުންގެ އާބާދީއެއް އޮންނަ ފެންފުށީގައި ވޮލީ ކޯޓެއް ތަރައްގީކުރުމުގެ މަޝްރޫއަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރޫއެއް ކަމަށެވެ. އަދި ވޮލީ ކޯޓުގެ މަސައްކަތް ނިމުމުން، ދިއްދޫގެ ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ކުރިއެރުންތަކެއް ލިބި، އެއްބައިވަންތަކަން ދެމެހެއްޓުމަށް މަގުފަހިވެގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް އެމްޓީސީސީން ބުންޏެވެ.

ފެންފުށި ވޮލީ ކޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން ކޮންކްރީޓު މަސައްކަތްތަކާއި ދަގަނޑުގެ މަސައްކަތްތަކާއި ކަރަންޓު މަސައްކަތްތަކާއި ޓާފް އެޅުމާއި އިކުއިޕްމަންޓް ހަރުކުރުމުގެ މަސައްކަތްތައް ކުރާނެއެވެ. އެއީ 1.24 މިލިއަން ރުފިޔާއަށް، 120 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.