އދ. ދިއްދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، އދ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިއްދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދިއްދޫ ކައުންސިލުގެ މެންބަރު އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އެމްޓީސީސީން ބުނީ 234 މީހުންގެ އާބާދީއެއް އޮންނަ ދިއްދޫ ރައްޔިތުންނަށް، މިއަދު ސޮއިކުރެވުނު މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ހިމާޔަތްކުރެވިފައިވާ ރީތި ގޮނޑުދޮށެއް ލިބިގެންދާނެ ކަމަށާއި ރަށް ގިރުމުގެ މައްސަލައަށް ވެސް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 2200 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 558 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތްކުރާނެއެވެ. އެ މަޝްރޫއަކީ 25.12 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.