އެތައް އަހަރެއް ވާންދެން ކޯޓުތަކުގައި މައްސަލަތައް ތާށިވެ، އިންސާފު ލިބުން ލަސްވުމުގެ ޝަކުވާއަކީ، ޒަމާނުއްސުރެން ކުރަމުން އަންނަ ޝަކުވާއެކެވެ. ކުށްވެރިއެއްކަން ކަނޑަނޭޅި އެތައް ބަޔަކު ވާނުވާ ބަންދެއްގައި ތިބެން ޖެހިފައިވާ ސަބަބަކީވެސް އެއީއެވެ.
މައްސަލަތައް އަވަސް ކުރުމުގެ އުއްމީދުގައި ތިބެންޖެހިފައިވާއިރު، ރާއްޖޭގެ ޝަރުއީ ނިޒާމު މިހާރު އޮތް ހާލަތު ބަލައިލާން ޖެހެއެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަކީ ޝަރުއީ ނިޒާމުގެ ކަންކަން ބަލައި ހުރި ކަންބޮޑުތައް ހައްލު ކުރުމުގެ މަސްއޫލިއްޔަތު މަތިކޮށްފައިވާ ކޮމީޓީއެވެ. ކޯޓުތަކުގައި މައްސަލަތައް ނުނިމި ލަސްވާ މައްސަލައިގައި، ޝަރުއީ ދާއިރާގެ ބެލެނިވެރި ފަރާތް ކަމަށްވާ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރުން ވަނީ މި މަހުގެ ހަވަނަ ދުވަހު ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
ކޯޓުތަކުގައި ތޮއްޖެހިފައިވާ މައްސަލަތަކުގެ ތަފްސީލު، އެ ކޮމިޓީގެ މުގައްރިރު މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވަނީ ކޮމިޓީގައި ހިއްސާ ކުރައްވައިފައެވެ.
މުގައްރިރު ފާހަގަކުރެއްވި މައްސަލަތައް:
- ފަސް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 565 މައްސަލަ
- ހަތަރު އަހަރާއި ފަސް އަހަރާ ދެމެދުގެ 662 މައްސަލަ
- ތިން އަހަރާއި ދެ އަހަރާ ދެމެދުގެ 1104 މައްސަލަ
- ދެއަހަރާއި ތިން އަހަރާ ދެމެދުގެ 1836 މައްސަލަ
ކޯޓުތަކުގެ މައްސަލަތައް ލަސްވާ މައްސަލައިގައި، މުގައްރިރު ކުރެއްވި ސުވާލުގެ ޖަވާބުގައި ޖޭއެސްސީގެ ރައީސް މާފުށީ ދާއިރާގެ މަޖިލިސް މެންބަރު ހުސެއިން ރިޒާ ވިދާޅުވީ، މައްސަލަތައް ލަސްވުމަށް އެތައް މިލިޔަން ސަބަބު އެބަހުރި ކަމަށެވެ. ދެމަސް ތިންމަސް ކުރިޔާލައި ފަނޑިޔާރުން މައްސަލަތައް ތާވަލު ކުރާ ކަން ފާހަގަ ކުރައްވައި، މައްސަލަތައް ލަސްވާ ބައެއް ސަބަބުތައް އޭނާ ހިއްސާ ކުރެއްވިއެވެ.
ޖޭއެސްސީގެ ރައީސް ހިއްސާ ކުރެއްވި ބައެއް ސަބަބުތައް:
- ދިފާއީ ވަކީލުން އެދިގެން
- ތަރުޖަމާނުން ނުބިގެން
- ދައުވާ ލިބޭ ފަރާތުން ހެކިން ހާޒިރު ނުކޮށްގެން
- ދައުވާކުރާ ފަރާތުގެ ލިޔެކިޔުންތައް ފުރިހަމަނުވެގެން
- ޕީޖީ އަދި އޭޖީގެ ފަރާތުން ދައުލަތުގެ ވަކީލުން އެދިގެން
- އޭޖީ އޮފީހުން ހަމަޖައްސަން ޖެހޭ ވަކީލުން ހަމަނުޖައްސައިގެން
- ކަރެކްޝަނުން ހާޒިރު ކުރަން ޖެހޭ ފަރާތްތައް ހާޒިރުު ނުކުރެވިގެން
- ފުލުހުންގެ ފަރާތުން ހާޒިރުކުރަން ޖެހޭ ހެކިވެރިން ހާޒިރު ނުކުރެވިގެން
- ވަކީލު ބަދަލުވުމާ ގުޅިގެން އަލަށް އަންނަ ވަކީލު މައްސަލަ ދިރާސާކުރަން އެދިގެން
މީގެ އިތުރުން މެޖިސްޓްރޭޓް ކޯޓުތަކުން އޮންލައިންކޮށް ގެންދާ މައްސަލަތަކުގައި ކުރިމިނަލްކޯޓު، ސިވލްކޯޓު، ފަދަ ތަންތަނުގައި ކަނޑަައަޅާ ގަޑިއަށް ޖާގަ ނުލިބުމާއި، ގިނަ ހަސްމުންގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގައި، ތިން ހަތަރު ވަކީލުން ހިމެނޭއިރު، އެތަނުން އެންމެ ވަކީލަކު ހާޒިރު ނުވެެގެން ޝަރީއަތް ކެންސަލް ކުރަންޖެހޭ ހާލަތު ދިމާވާ ކަމަށްވެސް ވިދާޅުވިއެވެ.
ރިޒާ ވިދާޅުވީ، ކޯޓު ސިސްޓަމް ހިނގާގޮތުން، މައްސަލަ ކެންސަލް ކުރުމަށްފަހު ދެން އެންމެ އަވަހަށް، މައްސަލަ ތާވަކުރެވޭނީ ދޮޅުމަސްފަހުން ކަމަށެވެ. އެކަމުގެ ސަބަބުން ދިމާވާ ނޭދެވޭ ކަންތައްތަކުގެ މިސާލެއްވެސް އޭނާ ދެއްވިއެެވެ.
"ދާދިފަހުން ޖޭއެސްސީއަށް އައި ޝަކުވާއެއް، ރަށެއްގެ ކުޑަ ކުއްޖެއްގެ މައްސަލައިގައި ލަސްވެގެން، އެއީ ދޮން ދަރިއަކާ ބެހުނު މައްސަލައެއް، އަދިވެސް އެ ފިރިހެންމީހާ އިނދެެގެން އުޅެނީ، އެ ދޮން ދަރިފުޅުގެ މަންމައާ، އޭނަ އެހެން ބަނޑަކަށް ދެކުދިން ތިންކުދިން ލިބިފަ އެބަހުރި، ބޭންކުން ލޯނެއް ނަގައިފަ އެބައޮތް، ލޯނުގެ މުއްދަތު ހަމަވެގެން ލޯނު ނުދައްކައިގެން ދަރަނި އަރަމުންދަނީ، އެ ޝަކުވާ އަޅުގަނޑުމެން ބެލިއިރު ތިންފަހަރެއްގެމަތިން އެބައޮތް ކެންސަލްކޮށްފަ ދިފާއީ ވަކީލު އެދިގެން،"
ކޯޓުތަކަށް އެކަށީގެންވާ މުވައްޒިފުން ނުލިބުމަކީވެސް ބޮޑު މައްސަލައެއްކަން ފާހަގަ ކުރައްވައި، ރިޒާވަނީ އެކަން ކޮމިޓީގެ ސަމާލުކަމަށް ގެންނަވައިފައެވެ.
އޭގެ ސަބަބެއްކަމަށް އޭނާ ވިދާޅުވީ މުސާރައިގެ މައްސަލައެވެ. 2008 ވަނަ އަހަރުގެފަހުން ކޯޓު ތަކުގެ މުވައްޒިފުންގެ މުސާރަ ބޮޑު ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ އޮފީސް) އާއި އެޓާނީ ޖެނެރަލްގެ އޮފީސް (އޭޖީ އޮފީސް) އާއި ދިވެހި ފުލުހުންގެ ހިދުމަތާއި، ކަރެކްޝަނަލް ސާވިސްއަކީ ޝަރުއީ ދާއިރާއަށްވުރެ ރަނަގަޅަށް މުސާރައިގެ އޮނިގަނޑު އޮތް ތަންތަންކަން، ފާހަގަ ކުރައްވައި ރިޒާ ވިދާޅުވީ، ދައުލަތުގެ ތިން ބާރުންކުރެ އެއްބާރަށްވީއިރު ޝަރުއީ ދާއިރާ ފެންނަނީ އެއްވެސް ބާރެއް ނެތް ބާޒެއްގެ ގޮތުގައި، ހަރަކާތްތެރިވަމުންދާ މަންޒަރު ކަމަށެވެ. އެއީ އެކަން އޮންނަން ޖެހޭގޮތް ނޫން ކަމަަށްވެސް އޭނާ ވިދާޅުވިއެވެ.
"2011 ވަނަ އަހަރާއި 2012 ވަނަ އަހަރު އަަޅުގަނޑުމެން އެޑްމިނިސްޓްރޭޓާ އޮފިސަރަކަށް އިއުލާންކޮށްލީމަ 200 މީހުން ކުރިމަތިލާ، މިހާރު ޝަރުއީ ދާއިރާއަށް ކުރިމަތިލާނެ މީހަކު ނުވޭ، އެެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މުސާރަ އާއި އިނާޔަތްތައް ރަނގަޅު ކުރުމަށްޓަކައި މަޖިލީހަށްވެސް ކަންތައްތަކެއް ކުރެވިދާނެ، ޝަރުއީ ދާއިރާގެ މުވައްޒިފުން ހިފެހެއްޓުމަށްޓަކައި، މިދާގޮތަށް ދާ ކަަމަށް ވަންޏާ ކުރިމަގުގައި ޝަރުއީ ދާއިރާއަށް މުވައްޒިފުންނެއް ނުލިބޭނެ އެ މުވައްޒިފުންނަކީ ބުރަ، އިހުލާސްތެރި މަސައްކަތްކުރާބައެެއް،"
އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ރިޒާ ހިއްސާ ކުރެއްވީ ކޯޓު އިމާރާތްތަކުގެ ހާލަތުގެ ވާހަކައެވެ.
"މިއަދު ނެތް ވާރޭ ނުވެހޭ އެއްވެސް ކޯޓެއް މާލެއަކު، ސުޕްރީމްކޯޓު ބޭރުން ކިތަންމެ ރީއްޗަސް އެތަނަށް ވާރޭ ވެހޭ، ހައިކޯޓު އެ ހިފަހައްޓަނީ ސީލިންތަކުގައި ދަގަނޑު ޖައްސައިގެން،"
ރިޒާ ވިދާޅުވީ، 11 މެޖިސްޓްރޭޓްކޯޓު މިހާރުވެސް ހިނގަމުންދަނީ ތަންތަން ކުއްޔަށް ހިފައިގެން ކަމަށާއި، 52 މެޖިސްޓްރޭޓްކޯޓު ހިންގަނީ ކައުންސިލްތަކާ އެއް އިދާރާއެއްގައި ކަމަށެވެ.
"އެ ކައުންސިލްތަކުން ނިކުންނަން އެބަހުރި ސިޓީ ފޮނުވައިފަ، އެއީ ކައުންސިލްތަކުގެ ބިންތަކެއްކަމަށް ނިންމައި މާދަމާ އެތަންތަނުން ނިކުތަސް ކޯޓުތައް ހިންގާނެ ތަންތަނެއް ނެތް،"
ކޯޓު އިމާރާތް ކުރުމަށް ކުރި މަސައްކަތްތަކެއްގެ ވާހަކަތެއްވެސް ރިޒާ ހިއްސާ ކުރެއްވިއެވެ.
އެގޮތުން އާ އިމާރާތެއް ބޭނުންވާ 43 ކޯޓުގެ ތެރެއިން 13 ކޯޓު އިމާރާތް ކުރުމަށް ބޭނުންވާ ޖުމްލަ 64.7 މިލިޔަންރުފިޔާ 2024 ވަނަ އަހަރުގެ ބަޖެޓުގައި ޖެހި ކަމަށް ވިދާޅުވިއެވެ.
"ނަމަވެސް އެ މަސައްކަތްތައް ކުރިއަށް ނުގެންދަން ފިނޭންސް މިނިސްޓްރީން އަންގާފައި އެބައޮތް، މި އަހަރު އެއްވެސް މަަޝްރޫއެއް ކުރިއަށް ގެންދަން ފިނޭންސުން ބަޖެޓް ދީފައެއް ނެތް، އެހެންވީމަ މިކަން ހައްލުކުރެވޭނީ އަޅުގަނޑު ދެކޭގޮތުގައި، ޕީއެސްއައިޕީގެ ބަޖެޓްގެދަށުން ރަނގަޅު ހައްލުތަކެއް އައިސްގެން،"
ނަމަވެސް ކޯޓުތަކަށް ދިމާވެފައި އޮތް ޖާގައިގެ ދަތިކަމަށް ހައްލު ހޯދުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ޖަސްޓިސް ބިލްޑިން އެނެކްސްގައި ކުރިމިނަލް ކޯޓާއި ޑްރަގު ކޯޓު ހުޅުވާފައިވާކަން ފާހަގަ ކުރައްވައި ކުރިމިނަލް ކޯޓުގެ މަސައްކަތްތައް އިތުރު ފިޔަވައިތަކެއްގައި ކުރިއަށްދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޯޓުތަކުގެ މައްސަލަތައް އަވަސްކުރަން ނިޒާމުތަކަށް ގެންނަން ޖެހޭ ބަދަލުތައް ވެސް ރިޒާ ހިއްސާ ކުރެއްވިއެވެ.
އެގޮތުން ކޯޓުތަކުގެ މައްސަލަތައް އަވަސް ކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބެލުމަށް ކޮންމެ ތިންމަހުން އެއްމަހަކުން، ކޯޓުތަކުގެ އިސްގާޒީންނާ ބައްދަލު ކުރައްވަމުން ގެންދަވާ ކަމަށް ރިޒާ ވިދާޅުވިއެވެ.
"މައްސަލަތައް އަވަސްކުރެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި، އެ ބޭފުޅުންނަށް ހިތްވަރުދެމުން އަދި މިހާރު ކޯޓުތަކުގައި ހިނގާ މައްސަލަތައް އެއް ދަންފަޅިޔަށް ދަތިއްޔާ ހާއްސަކޮށް ސިވިލްކޯޓާއި ފެމިލީކޯޓަކީ އެންމެ ގިނަ މައްސަލަތައް ހިންގާ ކޯޓުތަކަށް ވާތީ، ދެ ދަންޅީގައި ގެންދަން މަޝްވަރާކޮށްފަ ވާނީ،"
އަވަސް އަވަހަށް ނިޒާމަށް އަންނަ ބަދަލުތަަކަކީވެސް ޝަރުއީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކެއްކަން ރިޒާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ވަރަށް އަވަސްއަވަހަށް މަޖިލީހުން ގާނޫނުތަކަށް ބަދަލު ގެންނަ ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އެގޮތުން ރާއްޖޭގެ ވެއްޓަށް އެކަށީގެންވޭތޯ ބެލުމެއްނެތި، މަޖިލީހުން އަވަސް އަވަހަށް ގާނޫނުތައް އުފަންކުރުވައި، އަމަލުކުރަން ފެށުމުގެ ކުރީން އަނެއްކާވެސް އިސްލާހު ހުށަހަޅާކަން ފާހަގަ ކުރެއްވިއެވެ. އެއީ ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ނުކޮށް، ދިރާސާކުރަން ޖެހޭ ކަންކަން ދިރާސާ ނުކޮށް ގާނޫނުތައް ހެދުމުގެ ސަބަބުން ދިމާވާ މައްސަލަތައް ކަަމަށްވެސް ވިދާޅުވިއެވެ.
"2022 ވަނަ އަހަރު ސިވިލް ޕްރޮސިޖާ ކޯޑަށް ގެނައި ބަދަލު ވެގެންދިޔައީ ކޯޓުތަކުގެ މައްސަލަަތައް ހުއްޓުކަމަށް އައި ކަމަކަށް، 17 ފަނޑިޔާރުން ތިބިއިރު މައްސަލަތައް އެއްގޮތަކަށްވެސް ކުރިއަށްދާގޮތެއް ނުވި، އެއީ ކުރީގެ ޑިސްޕިއުޓުން ގާތް ގަނޑަކަށް ސިވިލްކޯޓުގެ 60 އިންސައްތަ މައްސަލަ ނިމުމަކަށް އަންނަނިކޮށް، އެ ގާނޫނުގެ ސަބަބުން ހަމަ އެއްކޮށް ހުއްޓިގެންދިޔަ، އޭގެ އިތުރަށް ތަރިކަ އާއި ވަސިއްޔަތާއި ހިބައިގެ މައްސަލަތައް ވެސް ހަމަ ޖަމާކޮށް ގެނެސް، އެއްކޮށް ސިވިލްކޯޓަށް ލުމުގެ ނަތީޖާއަކީ މިއަދު ސިވިލްކޯޓުގެ މައްސަލަތައް އެއްކޮށް ބޮޑިޖެހިފައިވުން،"
ރިޒާ ވިދާޅުވީ އެ މައްސަލަ ހައްލު ކުރުމަށްޓަކައި ޖޭއެސްސީގެ އިސް ނެގުމުގެމަތީން ސިވިލް ޕްރޮސިޖާ ކޯޑަށް ގެންނާން ފެންނަ އިސްލާހުތައް އެކަށައަޅައި ފާސްކޮށް، 2024 ވަނައަހަރުގެ ފެބްރުއަރީމަހުގެ ފަސްވަަަނަ ދުވަހު ބަންޑާރަނާއިބުގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އެކަން ކުރިއަށްގެންދާލެއް ލަސްވެގެން، މެއި މަހުގެ 20 ވަނަ ދުވަހު އެ އިސްލާހުތައް ގާނޫނަށް ގެނައުން އަވަސްކޮށްދިނުމަށް އެދި ސިޓީ ފޮނުވާފައިވާކަމަށްވެސް ވިދާޅުވިއެވެ.
"ނަމަވެސް މިއަދާ ހަމައަށް މަޖިލީހާ ހަމަައަށް އައިކަމެއް އެނގިފައެއް ނުވޭ، ފަނޑިޔާރުންނާ މަޝްވަރާކޮށްފަ، ގާނޫނަށް ގެންނާން ޖޭއެސްސީން ފާސްކޮށްފައިވާ އެ އިސްލާހުތައް މަޖިލީހުން ފާސްވެގެން ގޮސްފިއްޔާ ހަމަ ކުރީން އައިގޮތަށް އެ ޑިސްޕިއުޓްގެ ތެެރެއިިން ގާތްގަނޑަކަށް ސިވިލްކޯޓު މައްސަލަތަކުގެ 60 އިންސައްތަ މައްސަލަ ހައްލު ކުރެވިގެންދާނެ،"
އެ އިސްލާހުތައް އަވަހަށް މަޖިލީހަށް ފޮނުއްވައިދެއްވުމަށް، ޖުޑިޝަރީ ކޮމިޓީން އޭޖީއާ މަަޝްވަރާ ކުރުމަށް، ނުވަތަ، ރިޒާ އަމިއްލައަށް މަޖިލީހަށް ހުށަހަޅާގޮތަށް، ނުވަތަ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުގެ ފަރާތުން އެ އިސްލާހުތައް މަޖިލީހަށް ހުށަހަޅުއްވައި ދެއްވުމަށް ކޮމިޓީގައި ރިޒާ އެދިވަޑައިގެންނެވިއެވެ.
މި ސަބަބުތަކާހުރެ، ޝަރުއީ ނިޒާމުގައި ހަގީގީ ހިޔާވަހިކަމެއް ނެތެވެ. މައްސަލަތައް ހަރުދަނާކަމާއެކު އަވަސް ސްޕީޑުގައި ކުރިޔަށް ގެންދެވޭނޭ ގޮތެއް ނެތެވެ. ތާއަބަދު މިވާހަކަތައް ދައްކާން ތިބެވޭކަށް ނެތެވެ. މިކަންކަމަށް ހައްލު ނާންނަ ނަމަ ރައްޔިތުން އަބަދުވެސް ތިބޭން ޖެހޭނީ، އިންސާފު ލިބުމުން މަހުރޫމް ވެފައެވެ.
އިބްރާހިމް ޒަކީ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ
ޝަރުއީ ދާއިރާ