އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީން ކުޅުނު މެޗުން ބްރެންޓްފޯޑް ކައިރިން ހަނި މޮޅެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ސިޓީން މިރޭ ބްރެންޓްފޯޑް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިރޭގެ މޮޅާއެކު އެޓީމު އޮތީ ތާވަލުގެ ފަސްވަނައިގައެވެ. ސިޓީއަށް މިހާތަނަށް ސީޒަނުގައި އުނދަގޫ ހާލަތްތަކެއް ދިމާވެފައިވާ އިރު، އެޓީމަށް ހަތް މެޗުން ލިބިފައި ވަނީ 13 ޕޮއިންޓެވެ.
އަނިޔާގެ ބައެއް މައްސަލަތަކާ ކުރިމަތިވެފައި އޮތް ސިޓީއަށް މިރޭގެ މެޗުންވެސް އިތުރު އަނިޔާއަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ބޮޑު އަނިޔާއެއްގެ ސަބަބުން މިދިޔަ ސީޒަނުގެ ބޮޑުބައެއްގައިވެސް ނުކުޅެ ހުރި ރޮޑްރީއަށް މިރޭވެސް އަނިޔާވެ، އޭނާ ބާލަން ޖެހުން ވެގެން ދިޔައީ ކްލަބަށް ހާސް ކަމަކަށެވެ.
ސިޓީން ހޯދި އުނދަގޫ މޮޅަކީ ކޯޗު ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ހޯދި 250 ވަނަ މޮޅުވެ. އޭނާ ވެގެން ގޮސްފައި ވަނީ ޕްރިމިއާ ލީގުގައި އެންމެ އެ އަދަދަށް މޮޅު ހޯދި ކޯޗަށެވެ. 349 މެޗުން ގާޑިއޯލާ 250 މޮޅު ހޯދި އިރު، ކުރިން އެ ޝަރަފު ހޯދާފައި ވަނީ 16 ކޯޗުންނެވެ.
މެޗުގެ ކުރީކޮޅުގައި ސިޓީން ވަނީ މެޗުގެ ލީޑު ނަގައިފައެވެ. މިހަފުތާ ތެރޭގައި ހާލަންޑް ޖެހި ތިންވަނަ ގޯލް އޭނާ ކާމިޔާބުކުރީ، ޖޮސްކޯ ގްވާޑިއޯލްގެ ހުރަސް، ފަސޭހަކަމާއެކު ގޯލަށް ވައްދާލައިގެންނެވެ.
މިހާތަނަށް ސީޒަނުގައި ހާލަންޑް ކުޅުނު 11 މެޗުގައި 18 ގޯލް ޖަހާފައިވާ އިރު، އޭގެފަހުން މެޗުގައި ހަމަލާތައް ފެނުނީ މަދުންނެވެ. އެހެން ނަމަވެސް ފަހުކޮޅުގައި ބްރެންޓްފޯޑުން ވަނީ ނުރައްކާކޮށް، ސިޓީ ހާސްކޮށްލައިފައެވެ.
އީގޯ ތިއާގޯއަށް ލިބުނު ހުސް ފުރުސަތުގައި ޖިއާންލުއީޖީ ޑޮނަރޫމާ މުހިއްމު ސޭވެއް ކޮށްފައިވާ އިރު، ޑޮނަރޫމާ ކުރިއަށް ފޮނުވާލަން ޖެހި ބޯޅައެއްގައި ބްރެންޓްފޯޑް ކުޅުންތެެރިއެއް ގައިގައި ޖެހި، އަމިއްލަ ގޯލަށް ބޯޅަ ނުވަނީވެސް ކިރިޔާއެވެ.
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު
އިނގިރޭސި ޕްރިމިއާ ލީގު