ތިނަދޫ ސިޓީގައި ބާރަށް ދުއްވާފައި އައި ސައިކަލެއް ޖެހި ކުޑަކުއްޖަކަށް އަނިޔާވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދަރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ސައިކަލެއް، އެވަގުތު މަގުމައްޗަށް ދުއްވައިގެން ކުއްޖެއްގެ ގައިގައި ޖެހޭ މަންޒަރެވެ. ސައިކަލު ދުއްވަން އިން ޒުވާނާ، ސައިކަލު މަތަކުރަން މަސައްކަތް ކުރި ނަމަވެސް، ސައިކަލު ގޮސް ޖެހުނީ ކުއްޖާގެ މޫނުގައެވެ. އެވަގުތު ސައިކަލުން ޖެހި ކުއްޖާ ވިއްސައިގެން ދިޔަ އިރު، ސައިކަލު ދުއްވަން އިން މީހާ ވެސް ވިއްސައިގެންދާ މަންޒަރު ފެނެއެވެ.

ފުލުހުން މިއަދު "ވަން" އަށް ބުނީ ތިނަދޫ އާބާދީ ހިނގުމުން ހުޅަނގުން އިރަށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ދުވެފައި މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓު ވެފައިވާ މައްސަލަ އިއްޔެގެ 18:16 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

4 އޮކްޓޯބަރު 2025: ތިނަދޫސިޓީގައި ކުޑަކުއްޖެއްގައި ސައިކަލަކުންޖެހި އެކްސިޑެންޓު ވެފައި --- ފޮޓޯ/ ސްޓެޓަސް އޮފް މޯލްޑިވްސް ގެ ވީޑިއޯ ސްކްރީންޝޮޓް

އެ އެކްސިޑެންޓުގައި މަގު ހުރަސްކުރި ހަ އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެގެން ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންގެންދާ ކަމަށެވެ.

އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވާފައިވަނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނޯންނަ މީހެއް ކަމަށާއި އެކްސިޑެންޓު ވުމުން އެމީހާ މަޑުނުކޮށް ގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން، ސައިކަލު ދުއްވި 21 އަހަރުގެ ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އެކްސިޑެންޓްވި ސައިކަލު ޓޯކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

"ވަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާއަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަނިޔާވެފައިވަނީ އެކުއްޖާގެ ބޮލަށް ކަމަށާއި ކުއްޖާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެެވެ.