މުއްދަތު ހަމަވި އިރު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބުގެ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހަޅާފައި ވަނީ ޖުމްލަ ހަ ފަރާތަކުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އީސީން ހުޅުވައިލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

އަލަށް އަމަލުކުރަން ފެށި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލެވިގެންވަނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންގެ މައްޗަށެވެ.

އީސީން މިއަދު ބުނީ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިއަދުގެ 14:00 ގެ ނިޔަލަށް ހަމަވި އިރު، އެ އިންތިހާބުގައި ކެންޑިޑޭޓުގެ ގޮތުގައި ކުރިމަތިލުމަށް ފޯމު ހުށަހަޅާފައިވަނީ ޖުމްލަ ހަ ފަރާތަކުން ކަމަށެވެ.

އީސީން ބުނީ، ބްރޯޑްކާސްޓަރުން ތަމްސީލު ކުރާ މެންބަރުންގެ މަގާމަށް ހަތަރު ބޭފުޅުން ފޯމު ހުށަހަޅާފައިވާ އިރު، އޭގެ ތެރެއިން ތިން ބޭފުޅުންގެ ކެންޑިޑަސީ ގަބޫލުކޮށްފައިވާ ކަމަށެވެ. އަދި ކެންޑިޑެސީ ގަބޫލުކޮށްފައިވާ ތިން ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކު ނަން އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާފައިވާ ކަމަށްވެސް ބުންޏެވެ.

އީސީން ބުނީ، އެހެނިހެން މީޑިއާތައް ތަމްސީލް ކުރާ މެންބަރުންގެ މަގާމަށް ދެ ބޭފުޅުން ފޯމު ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން ކެންޑިޑަސީ ގަބޫލުކޮށްފައިވަނީ އެއް ބޭފުޅެއްގެ ކަމަށެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން 16:00 އަކަށް މާލޭގައި ކަމަށް އީސީން ބުނެފައިވެއެވެ.