އެމްޑީޕީން މާލޭގައި ރޭ ބޭއްވި އެއްވުން ހުއްޓުވަން ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާވެގެން ފަރުވާދޭން ޖެހުނު ކަމަށް ފުލުހުންގެ އިދާރާއިން މިއަދު ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި އަނިޔާވެފައި ވަނީ ރޭގެ އެއްވުން ކޮންޓްރޯލް ކުރަން ހަރަކާތްތެރިވި އަންހެން ފުލުހަކަށާއި ފިރިހެން ދެ ފުލުހަކަށެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އޭގެ ތެރެއިން އަންހެން ފުލުސް އޮފިސަރަށް އަނިޔާވީ، ޝީލްޑާއެކު ވެއްޓިފައި އޮއްވައި އެއްވުމުގެ ބައިވެރިން އެ އޮފިސަރުގެ ގައިމަތިން ހިނގުމުގެ ސަބަބުންނެވެ. އަދި އަނެއް ދެ ފުލުހުންގެ ތެރެއިން އެކަކަށް އަނިޔާވީ ބެރިކޭޑުން ޖެހުމުގެ ސަބަބުން ކަމަށާއި އަނެއް އޮފިސަރަށް އަނިޔާވީ ޝީލްޑްތަކުގައި އެއްވުމުގެ ބައިވެރިން ޖެހުމުގެ ސަބަބުން ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލު އިތުރަށް ވިދާޅުވީ، އަނިޔާވި އޮފިޝަރުންގެ ތެރެއިން ދެ އޮފިސަރަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާދީފައިވާ އިރު އަނެއް އޮފިސަރަށް ފަރުވާދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށެވެ.
ރޭގެ އެއްވުމުގައި ފުލުހުންނާއި އެއްވުމުގެ ބައިވެރިންނާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިންގިއެވެ. އެ ހަމަނުޖެހުންތަކުގެ ތެރެއިން އެއްވުން ކޮންޓްރޯލް ކުރުމަށް ފުލުހުން، ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެއް ބޭނުންކުރި މައްސަލައިގައި އެ އިދާރާއަށް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ. މުޒާހަރާގެ އިސް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، ރޭގެ އެއްވުން ފުލުހުން ހުއްޓުވީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްގެންނެވެ.
ރޭގެ އެއްވުމުން އަށް މީހަކު ހައްޔަރުކޮށްފައި ވާއިރު ފުލުހުން ބުނީ އެކަން އެގޮތަށް ކުރަން ޖެހުނީ ކުރިން މަޝްވަރާކޮށް އެއްބަސްވިގޮތާ ހިލާފަށް އެހެން ރޫޓަކުން ދާން މަސައްކަތް ކުރުމުން ކަމަށެވެ. ރޭ ހައްޔަރު ކުރި މީހުންގެ ތެރެއިން ހަ މީހެއްގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފައެވެ.
އަލީ ޔާމިން
އިސްލާމީ ތާރީޚު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ