އެމްޑީޕީން މާލޭގައި ރޭ ބޭއްވި މުޒާހަރާ ހުއްޓުވަން ބާރުގެ ބޭނުންކުރީ ގަވާއިދުތަކުން ފުލުހުންނަށް ހުއްދަ ބާރުތައް ބޭނުންކޮށްގެން ކަމަށް ފުލުހުން ބުނެފިއެވެ.

ރޭގެ މުޒާހަރާ ރޫޅާލަން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާކަމުގެ ތުހުމަތުތައް ފުލުހުންނަށް ވަނީ އަމާޒުވެފައެވެ. އެންމެ ބޮޑަށް ފާޑުކިޔުުން އަމާޒުވެފައިވަނީ ލޯންގް ރޭންޖް އެކޫސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ކިޔާ ސޮނިކް ވެޕަން އާލާތެއް ބޭނުން ކުރުމުންނެވެ.

އެމްޑީޕީގެ ގާނޫނީ ޓީމުން ވަނީ، ގަދަ އަޑެއް ފޮނުވާ އެ އާލާތް ބޭނުން ކުރުމުގެ ހުއްދަ ފުލުހުންނަށް ނޯންނަ ކަމަށް ބުނެފައެވެ. އަދި އެ އާލާތްތައް ބޭނުންކުރާ އުސޫލެއްވެސް އަދި ނެތް ކަމަށް ގާނޫނީ ޓީމުން ބުނެފައިވެއެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެއްވުން ހުއްޓުވުމުގައި ފުލުހުން ބޭނުންކޮށްފައިވަނީ ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން ހަދާފައިވާ، ހަތިޔާރު ގެންގުޅުމާއި ބޭނުންކުރުމުގެ ގަވާއިދާއި ފުލުހުންނަށް ލިބިދީފައިވާ ބާރާއި އިހުތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގައި ހުއްދަކޮށްފައިވާ ބާރުތައް ކަމަށެވެ.

"އެފަދައިން ބާރުގެ ބޭނުންކުރުމުގައި ނަގަހައްޓަންޖެހޭ އަސާސްތައް ނަގަހައްޓާފައިވާނެ ކަމުގައި ވެސް ދަންނަވަމެވެ،" ބަޔާނުގައި ބުންޏެވެ.

ފުލުހުން ބުނީ، މުޒާހަރާގެ ބައިވެރިން ހައްޔަރުކުރަން ޖެހުނީ، ކުރިން މަޝްވަރާކޮށް އެއްބަސްވިގޮތާ ހިލާފުވެ އެހެން ރޫޓެއް އިހުތިޔާރު ކުރުމުން ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ، މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބައެއް ތަކެތި އަތުލައި، ބައެއް ތަކެއްޗަށް ގެއްލުންދީ ގާނޫނާ ހިލާފް ހަރަކާތްތަކެއް ހިންގާފައިވާ ކަމަށެވެ.