އެމެރިކާގެ ގާނޫނުއަސާސީއަށް 238 އަހަރު ވެއްޖެއެވެ. އެއީ ދުނިޔޭގެ ގައުމެއްގައި އެއަށް ތަބާވެ އަމަލުކުރަމުންދާތާ އެންމެ ގިނަދުވަސްވީ ގާނޫނުއަސާސީއެވެ. ފާއިތުވެގެންދިޔަ ދިގު މާޒީގައި މި ގާނޫނުއަސާސީއަށް އިސްލާހު ގެނެވިފައިވަނީ ޖުމްލަ ހަތާވީސް ފަހަރުއެވެ. އެންމެފަހުގެ އިސްލާހަކީ 1992 ވަނަ އަހަރު ގެނެވުނު އިސްލާހެކެވެ. މިއީ ގާނޫނުހަދާ މަޖީލީހުގެ މެންބަރުންގެ މުސާރަ އެމީހުން އަމިއްލަޔަށް ބޮޑުނުކުރެވޭނޭ މަގުން ގެނެވިފައިވާ އިސްލާހެކެވެ. މިދުވަސްވަރު ފަންސަވީސްވަނަ އިސްލާހެއްގެ އަޑު ވަނީ ވަރަށް ގަދަވެފައެވެ. ރައީސް ޑޮނަލްޑް ޖޯން ޓްރަމްޕުގެ ކަންކަން ފާލުން ނެއްޓިގެން ދިޔުމާ ގުޅިގެންނެވެ. އެމެރިކާގެ ގާނޫނުއަސާސީއަށް ގެނެވިފައިވާ ފަންސަވީސްވަނަ އިސްލާހަކީ ރައީސްކަމުގައި ހުންނަ މީހަކު ނާގާބިލްކަމަށް ނިންމައި މަގާމުން ވަކިކޮށް ރިޔާސީ ބާރުތައް އެހެން ފަރާތަކާ ހަވާލުކުރުމުގެ ވާހަކަ ބަޔާންކުރެވިފައިވާ އިސްލާހެވެ. މިއީ 1967 ވަނަ އަހަރު ތަސްދީގު ކުރެވިފައިވާ އިސްލާހެކެވެ.
މި އިސްލާހަކީ މުޅިއެކު ހަތަރު މާއްދާއެއްގެ މައްޗަށް އެކުލެވިގެންވާ އިސްލާހެކެވެ. ފުރަތަމަ މާއްދާގައި ބުނަނީ ރައީސަކު މަރުވެގެން ނުވަތަ ބޮޑު ބައްޔެއްވެގެން، އިސްތިއުފާދީގެން ނުވަތަ މަގާމުން ވަކިކޮށްގެން ނާއިބުރައީސަށް ރިޔާސީ ބާރުތައް ނަގުލުވާ ވާހަކައެވެ. ދެވަނަ މާއްދާގައި ބުނަނީ ރައީސް އަމިއްލަޔަށް މަގާމުގެ މަސްއޫލިއްޔަތާ ދުރުވެ ގާނޫނުހަދާ މަޖިލީހުގެ ރުހުމާއެކު ނާއިބުރައީސަށް ވެރިކަން ނަގުލުވާ ވާހަކައެވެ. ތިންވަނަ މާއްދާގައި ބުނަނީ ބައްޔަކާ ގުޅިގެން ވަގުތީގޮތުން ނާއިބުރައީސަށް ވެރިކަމުގެ ބާރުތައް ނަގުލުކުރުމުގެ ވާހަކައެވެ. ހަތަރުވަނަ އަދި އެންމެފަހު މާއްދާއަކީ އެއްވެސް ސަބަބަކާލައިގެން ރައީސަށް މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނޭ ކަމަށް ނާއިބުރައީސާއި ކެބިނެޓަށް ފެނިއްޖެ ހިނދެއްގައި ނާއިބުރައީސާއި ކެބިނެޓުގެ މެންބަރުންގެ އަޣުލަބިއްޔަތުން ނާއިބުރައީސާއި ވެރިކަން ހަވާލުކުރަން ނިންމިދާނޭ ވާހަކައެވެ. މި ދެންނެވި އިސްލާހަށް 58 އަހަރު ވެގެންގޮސްފައިވާއިރު ޖުމްލަ ހަފަހަރު މި އިސްލާހުގެ ބޭނުން ހިފާފައިވެއެވެ.
އެއްވަނަ މާއްދާގެ ބޭނުން އެއްފަހަރުއެވެ. ދެވަނަ މާއްދާގެ ބޭނުން ދެފަހަރުއެވެ. ތިންވަނަ މާއްދާގެ ބޭނުން ތިންފަހަރުއެވެ. ހަތަރުވަނަ މާއްދާގެ ބޭނުން އަދި ދުވަހަކުވެސް ހިފައިފައެއް ނުވެއެވެ. އެކަމަކު އެމާއްދާ ބޭނުންކުރުމާމެދު ދެފަހަރަކު ވިސްނައި ބަހުސްކޮށްފައިވެއެވެ. ރައީސް ޑޮނަލްޑް ޖޯން ޓްރަމްޕުގެ ދެވަނަ ދައުރު ފެށުނުތާ އަދި އަހަރެއް ނުވެއެވެ. ޓްރަމްޕުގެ އުމުރަކީ 79 އަހަރެވެ. އަންނަ އަހަރުގެ ޖޫންމަހު ސާދަވަނަ ދުވަހު 80 ފުރޭނެއެވެ. މިހާރުވެސް އެއީ އެމެރިކާގެ ތާރީޚުގައި އެންމެ މުސްކުޅި ރައީސެވެ. ޓްރަމްޕުގެ ނަފްސާނީ އަދި ޖިސްމާނީ ސިއްހަތު ބަރާބަރުނޫން ކަމުގެ ވާހަކަޔަކީ މިހާރު މުޅި ދުނިޔޭގައި އެންމެ ބޮޑަށް ދެކެވެމުންދާ ވާހަކައެވެ. ޓްރަމްޕުގެ ވެރިކަމަށް މިވީ އެންމެ 8 މަހެވެ. މި ކުރު މުއްދަތުގެ ތެރޭގައި އޭނާގެ ބަސްމަގާއި އަމަލުތައް ހުރިގޮތުން އެމެރިކާގެ އަގާއި ހުރުމަތް މުޅިދުނިޔޭގެ ކުރިމަތީގައި ވެއްޓި ނިމިއްޖެއެވެ. އެމެރިކާގެ ޑިމޮކްރަޓިކް ނިޒާމުގައި ކޮޅުފައިންޖަހައި ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް މިސްރާބު ޖަހައިފިއެވެ.
އެމެރިކާގެ ގާނޫނުއަސާސީއަށް ތަކުރާރުކޮށް ފައިންއަރައި އޭގެ ހުރުމަތް ކަނޑާލައިފިއެވެ. ނާގާބިލު މީހަކު ކުރިއަށްނެރެ ދައްކައިގެން ބަޔަކު އެމެރިކާގެ މުޅި ނިޒާމު ގަޑުބަޑުކޮށް އިންތިޚާބަކާ ނުލައި ދިގު މުއްދަތަކަށް ވެރިކަންކުރަން ދިމާކޮށްފިކަމުގެ އިހުސާސްތައް އެމެރިކާގެ ރައްޔިތުން ކުރަން ފަށައިފިއެވެ. ގާނޫނުއަސާސީ ބުނާގޮތުން މިދައުރު ނިމުމުން ދެން ޓްރަމްޕަކަށް އައުދައުރެއް ނުލިބޭނެއެވެ. އެހެންވިޔަސް ދާޚިލީ ހަމަނުޖެހުންތަކަށް ގައުމު ވައްޓާލައި ހަގުރާމައިގެ ހާލަތެއް ގެނެސް ކުއްލި އަމުރު ހިންގައިގެން ވެރިކަމުގައި އިތުރު މުއްދަތަކަށް ހުރުމުގެ ފުރުސަތު ކޮންމެވެސް ވަރަކަށް އެބައޮތެވެ. އެހެންވީމާ ޓްރަމްޕާއި އޭނާގެ ފަހަތުގައި ތިބިމީހުންގެ މިސްރާބުހުރީ އެދިމާލަށް ކަމުގައި ގިނަބަޔަކު ގަބޫލުކޮށްފިއެވެ. އެމެރިކާގެ ސިފައިންނަކީ ޓްރަމްޕުގެ އަމިއްލަ މަސްލަހަތުގައި މަސައްކަތްކުރާ އަމިއްލަ މިލީޝިޔާއަކަށް ހެދުމުގެ މަސައްކަތް މިހާރުވެސް ފެށިގެން އެދަނީ ކުރިއަށެވެ.
މިކަން ޔަގީންވަނީ އެމެރިކާގެ އަސްކަރިއްޔާގެ ހުރިހާ ޖެނެރަލުން ވާޖީނިއާ ސްޓޭޓަށް ޖަމާކޮށްގެން މިހަފުތާތެރޭގައި ދިފާއީވަޒީރު ޕީޓް ހެގްސެތު ޖެހި ސަކަރާތަކުންނެވެ. މިއެއްވުމުގައި އޭނާ ބުންޏެވެ. އޭ މިތިބަ އޮފިސަރުންނޭވެ. ކަލޭމެންނީ ކޮންމެއިރަކުވެސް އަދި ކޮންމެ ހާލަތެއްގައިވެސް ރައީސަށް އިޚުލާސްތެރިވެ ކިޔަމަންވާން ޖެހޭބައެއްކަން ހަނދާންކުރާށެވެ. ޕީޓް ހެގްސެތުގެ މިބުނުމަކީ މުތުލަގަށް ގާނޫނުއަސާސީއާ ޚިލާފު ބުނުމެކެވެ. އެމެރިކާގެ ސިފައިން ވަފާތެރިވާން ޖެހެނީ ގާނޫނުއަސާސީއަށެވެ. ކޮންމެއަކަސް ދޮގުހެދުމާއި ކަންކަން އޮޅުވައިލުމާއި ގައުމީ މަސްލަހަތުގެ މައްޗަށް އަމިއްލަ މަސްލަހަތު އިސްކުރުމުގައި ޑޮނަލްޑް ޓްރަމްޕު އެވަނީ އެމެރިކާގެ ތާރީޚުގައި އެއްވެސް ރައީސަކު ހުރަސްނުކުރާ އެތައް ރޮގެއް ހުރަސްކޮށްފައެވެ. ހިޓްލަރުގެ ޒަމާނުގައި އޭނާގެ ފަރާތުން ފެނުނު އެންމެހައި ސިފަތައް ޓްރަމްޕުގެ ފަރާތުންވެސް އެދަނީ ފެންނަމުންނެވެ.
އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު އަސްކަރީބާރު ކަމަށްވެފައި ގައުމުތައް ސުންނާފަތިކުރުމުގެ ބާރު ކޮމާންޑަރ އިންޗީފްގެ ހައިސިއްޔަތުން ޓްރަމްޕަށް ލިބެއެވެ. އޭނާ އިތުރު މުއްދަތަކަށް މަގާމުގައި ބަހައްޓައިފިނަމަ ޑިޒާސްޓަރ އިންޗީފަކަށް ވެދާނޭކަމުގެ ބިރު ރައްޔިތުންގެ ހިތްތަކުގައި ހިނގަން ފަށައިފިއެވެ. ޓްރަމްޕަކީ ކޮމާންޑަރ އިންޗީފެއް ނޫނޭ ޑިޒާސްޓަރ އިންޗީފެކޭ ބުނެ ވަކާލާތުކުރާ މީހުން ގިނަވެއްޖެއެވެ. ކުރިން ބަޔާންކުރެވުނު ފަންސަވީސްވަނަ އިސްލާހުގެ ބޭނުން ހިފައި އަވަހަށް ޓްރަމްޕު މަގުން އެކަހެރިކޮށް އެމެރިކާއާއި މުޅިދުނިޔެ ސަލާމަތްކުރަންވީ ވަގުތު އަތުވެއްޖެ ކަމުގެ އަޑުތައް މިހާރު ވަނީ ގަދަވެފައެވެ. ފަންސަވީސްވަނަ އިސްލާހުގެ ވާހަކަ އެންމެ ބޮޑަށް ދައްކަމުންދަނީ ޑިމޮކްރަޓިކް ޕާޓީންނެވެ. ޚާއްސަކޮށް ޑިމޮކްރަޓިކް ޕާޓީއަށް ނިސްބަތްވާ އެކި ސްޓޭޓްތަކުގެ ގަވަރުނަރުންނެވެ. މިކަމުގައި އެންމެ އިސްކޮށް އުޅުއްވާކަމަށް ފެންނަނީ އެމެރިކާގެ އެންމެ މުއްސަނދި އަދި އެންމެ ބައިބޯ ސްޓޭޓްކަމަށްވާ ކެލިފޯނިޔާގެ ގަވަރުނަރު ގެވިން ނިއުސަމެވެ.
އެމެރިކާގައި މިވަގުތު ބާރުތައް ބެހިގެންގޮސްފައިވާ ގޮތުން ފަންސަވީސްވަނަ އިސްލާހުގެ ހަތަރު މާއްދާގެ ތެރެއިން މާއްދާއެއްގެ ބޭނުން ހިފައި ޓްރަމްޕު އެކަހެރި ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ޓްރަމްޕު އެކަހެރިކޮށްފައި ދެން ވެރިކަމާ ހަވާލުވާންހުރި ޖޭޑީ ވޭންސަކީ ވަކިން ސަހަލު މީހެއް ނޫނެވެ. ބައެއް ކަންކަމުގައި އޭނާގެ ގޮތްކުޑަކަން ޓްރަމްޕަށްވުރެވެސް ބޮޑެވެ. ކެބިނެޓުގައިވެސް އެތިބީ މުޅިން އެޒާތުގެ މީހުންނެވެ. މީހަކަށް ދޫކުރާ އަނެކަކު ނެތެވެ. އެހެންވީމާ ނާއިބުރައީސާއި ކެބިނެޓުގެ ވޯޓަކުން ޓްރަމްޕު ނާގާބިލުކަމަށް ނިންމުމަކީ ދުރުކަމެކެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީސް ދެގޭގެ މައްޗަށް އެކުލެވިގެންވާއިރު އެދެގޭގައިވެސް އަޣުލަބިއްޔަތު އޮތީ ޓްރަމްޕުގެ ރިޕަބްލިކަން ޕާޓީއަށެވެ. އެހެންވީމާ ގާނޫނުހަދާ މަޖިލީހުގެ ތެރެއިން ޓްރަމްޕާ ދެކޮޅަށް ކަންކަން ނިންމުމަކީވެސް ދުރު ކަމެކެވެ. ސެނެޓާއި ހައުސް އޮފް ރެފްރެޒެންޓެޓިވްސްގައި ތިބި ރިޕަބްލިކަން ޕާޓީގެ ގިނަ މެންބަރުންނަކީ ހަމަސީދާ ޓްރަމްޕުގެ ފިކުރު ހިއްސާކުރާ މީހުންނެވެ.
އިމާދު ލަތީފު
ރައްޔިތުންގެ މަޖިލިސް
މާރާމާރީ
މާލެ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު