އިދިކޮޅު އެމްޑީޕީގެ "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާ ކުރިއަށްގެންދަނީ ހުއްދައަށް އެދުނު ރޫޓަކުން ވެސް ނޫން ކަމަށާއި އެއީ ސުލްހަވެރި އިހުތިޖާޖެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ބައިވެރިންނާއެކު އެމްޑީޕީގެ މުޒާހަރާ މިރޭ 8:30 ގައި ފަށާފައިވަނީ އާޓިފިޝަލް ބީޗުންނެވެ. އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންގެ ވާހަކަތަކަށްފަހު، މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުތުމަށް ވަނީ އަންގައިފައެވެ.
މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ނުކުންނަން އުޅުމާއެކު، އެ ސަރަހައްދަކީ އެއްވެ އުޅުން މަނާ ސަރަހައްދެއް ކަމަށްބުނެ ފުލުހުން ވަނީ ޝީލްޑްތަކާއެކު ހުރަސް އަޅައިފައެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ދެންމެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީން އެއްވުން ކުރިއަށްގެންދާނެ ރޫޓުގެ ހުއްދައަށް އެދި ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެ ރޫޓުގައި މަޖީދީމަގު ހިމެނޭތީ، އެއީ ޓްރެފިކަށް ބާރުބޮޑުވާނެ މަގަކަށްވާނެތީ ފުލުހުން އެހެން ރޫޓަކުން ކުރިއަށްގެންދިއުމަށް ހުއްދަ ދީފައިވާ ކަމަށެވެ.
މިނިސްޓަރު ވަނީ އެ ރޫޓުތައް ދައްކުވައިދޭ ޗާޓެއް ވެސް އާންމުކުރައްވައިފައެވެ. އެ ޗާޓުން ފެންނަ ގޮތުގައި އެމްޑީޕީން ހުއްދައަށް އެދުނީ އާޓިފިޝަލް ބީޗް ކައިރިން ބޮޑުތަކުރުފާނު މަގުން ގޮސް، އަމީނީމަގުން ސޯޝަލް ސެންޓަރާ ދިމާއިން މަޖީދީމަގަށް ދިއުމަށެވެ.
ނަމަވެސް ފުލުހުން ހުއްދަދީފައިވަނީ، އާޓިފިޝަލް ބީޗް ކައިރިން ބޮޑުތަކުރުފާނު މަގުން ގޮސް، އަމީނީމަގުން އަލުން ބޮޑުތަކުރުފާނު މަގުން ދިއުމަށެވެ.
މިނިސްޓަރު އިހުސާން ވިދާޅުވީ އެމްޑީޕީން މަސައްކަތްކުރީ ހުއްދައަށް އެދުނު އަދި ހުއްދަދިން ރޫޓުން ވެސް ނޫން ކަމަށާއި އެމްޑީޕީގެ މުޒާހަރާއަކީ ސުލްހަވެރި މުޒާހަރާއެއް ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި ހުރިހާ ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރެވޭ ގޮތަށް، ގާނޫނާ އެއްގޮތަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ސަރުކާރުން ފުރުސަތު ދޭނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
އިހުތިޖާޖު
އިހުތިޖާޖު
އިހުތިޖާޖު