ޑިއުޓީގައި ހުންނަ ފުލުހެއްގެ އަތުން މުދާ މަޖުބޫރުން ނިގުޅައިގަތުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތް ކުރިއަށްގެންދާ ގޮތް ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

އިހުސާނު މިހެން ވިދާޅުވީ މިހާރު އެމްޑީޕީން މާލޭގައި ކުރަމުންގެންދާ މުޒާހަރާއެއްގައި މީހަކު ފުލުހެއްގެ ޝީލްޑު އަތުލައިގަނެގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ޕޯސްޓުކުރައްވަމުންނެވެ.

"އެއީ ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅޭ ގޮތަށް ބާރުގެ ބޭނުންކޮށްގެން ނުވަތަ އަނިޔާވެރި އަމަލުތަކެއް ހިންގުން،" އިހުސާން ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ "ލޫޓުވައިފި، ލޫޓުވައިފި" މުޒާހަރާގެ ބައިވެރިން މަގުމައްޗަށް ނުކުތުމާއެކު، ފުލުހުން ވަނީ އެމީހުންނަށް ހުރަސް އަޅައިފައެވެ.

ގިނަ އަދަދެއްގެ ބައިވެރިންނާއެކު އެމްޑީޕީގެ މުޒާހަރާ މިރޭ 8:30 ގައި ފަށާފައިވަނީ އާޓިފިޝަލް ބީޗުންނެވެ. އެމްޑީޕީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުންގެ ވާހަކަތަކަށްފަހު، މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުތުމަށް ވަނީ އަންގައިފައެވެ.

މުޒާހަރާގެ ބައިވެރިން މަޖީދީ މަގަށް ނުކުންނަން އުޅުމާއެކު، އެ ސަރަހައްދަކީ އެއްވެ އުޅުން މަނާ ސަރަހައްދެއް ކަމަށްބުނެ ފުލުހުން ވަނީ ޝީލްޑްތަކާއެކު ހުރަސް އަޅައިފައެވެ.

މުޒާހަރައިގެ ބައިވެރިންނަށް އިންޒާރުދިނުމަށްފަހު، ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށް، ބާރުގެ ބޭނުންކުރަން ފަށައިފައެވެ. އަދިވެސް ފުލުހުން ދަނީ މުޒާހަރައިގެ ބައިވެރިން ފަހަތަށް ޖެއްސުމަށް މަސައްކަތްކުރަމުންނެވެ.