މަތީ ސާނަވީ ފުރުސަތު ފަހިކުރުމުގެ ގޮތުން މާލޭގައި "މާލޭ ވޮކޭޝަނަލް ހައި ސްކޫލު"ގެ ނަމުގައި ސަރުކާރުން ސްކޫލެއް ހުޅުވުމަށް ނިންމައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިއްޔެ ނެރުނު އިއުލާނެއްގައި ވަނީ، މާލޭ ވޮކޭޝަނަލް ހައި ސްކޫލު (ވީއައިއެޗްއެސް) ގައި ވޮކޭޝަނަލް ޕާތުވޭއަށް މަތީ ސާނަވީ މަރުހަލާގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލައިފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ވީއައިއެޗްއެސްގައި ވޮކޭޝަނަލް ޕާތުވޭއަށް މަތީ ސާނަވީ މަރުހަލާގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުން އެޕްލިކޭޝަން ފޯމު ހުށަހެޅުން މިމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.

ވީއައިއެޗްއެސްއަށް ވަނުމަށް ގޫގުލް ފޯމު މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށާއި އަދި އެ ފޯމު މިނިސްޓްރީގެ ވެބްސައިޓުގައި ވެސް ހިމަނާފައިވާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

މަތީ ސާނަވީ ވޮކޭޝަނަލް ޕްރޮގްރާމުތަކަށް ވަނުމުގެ ޝަރުތުތައް:

  • 2024 ނުވަތަ 2025 ވަނަ ދިރާސީ އަހަރު ގްރޭޑު 10 ފުރިހަމަކޮށްފައިވުން
  • 2024 ވަނަ އަހަރުގެ 31 ޑިސެމްބަރަށް 18 އަހަރު ފުރިފައިނުވުން

އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނީ ދަރިވަރުންނަށް ޖާގަ ހަމަޖެހިފައިވާކަން މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އަންގަމުންދާނެ ކަަމަށާއި އަދި އެޕްލިކޭޝަން ހުށަހަޅާފައިވާ އީމެއިލަށް، ވީއައިއެޗްއެސްގައި ދަރިވަރު ރަޖިސްޓަރީވުމާ ގުޅޭ އިރުޝާދު ހިއްސާކުރެވޭނެ ކަމަށެވެ.