ކުރީ ސަރުކާރުގެ ތެރޭގައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ތެރެއިން 200 މިލިއަން ރުފިޔާގެ ހިޔާނާތްތެރިވެފައިވާ މައްސަ ފާހަގަކުރެވިފައިވާތީ، އެ މައްސަލަތައް ތަހުގީގީ އިދާރާތަކަށް ހުށަހަޅަން ފަށައިފިއެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ 2019 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ކޯޕަރޭޝަންގެ މިލްކިއްޔާތުގައިވާ ބިމާއި، މުދަލާއި ހިދުމަތުން، 200 މިލިއަނެއްހާ ރުފިޔާގެ ހިޔާނާތް ބައެއް ފަރާތްތަކުން ވެފައިވާކަން ފާހަގަކުރެވޭތީ، އެކަންކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ތަހުގީގީ އިދާރާތަކަށް ހުށަހަޅަމުންދާ ކަމަށެވެ.
އެ ހިޔާނާތުގެ ތެރޭގައި އެ ކޯޕަރޭޝަންގެ މުދަލުން ވައްކަންކުރުމާއި، ކޯޕަރޭޝަންގެ މުދާ އަމިއްލަ ބޭނުމަށް ބޭނުންކުރުމާއި، ކޯޕަރޭޝަނަށް ގެއްލުންވާގޮތަށް އެ ކޯޕަރޭޝަންގެ ބިންތައް ކުއްޔަށް ދިނުން ފަދަ މުއާމަލާތްތައް ހިމެނޭ ކަމަށް އެޗްޑީސީން ބުންޏެވެ.
އޭގެ އިތުރުން އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އިޖުރާއަތްތަކާއި އުސޫލުތަކުގެ ބޭރުން ބިން ވިއްކާފައި ހުރިކަން ވެސް ސަމާލުކަމަށް އައިސްފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ އެކަންކަން ތަހުގީގުކޮށް ގާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް، އެ ކޯޕަރޭޝަންގެ ފަރާތުން ފުރިހަމަ އެއްބާރުލުންދޭނެ ކަމަށެވެ.
ކުރީ ސަރުކާރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާކަން މި ސަރުކާރުގެ އިސް ބޭފުޅުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ. ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ދާދިފަހުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު އޮޑިޓް ރިޕޯޓުގައި ވެސް ވަނީ ފާހަގަކޮށްފައެވެ.
ކުރީ ސަރުކާރުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ، ހަތަރު އަހަރު ދުވަހަށް ޖަލަށްލުމަށް ވެސް މިދިޔަ އާދީއްތަ ދުވަހު ކުރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު