އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް 160 އަށްވުރެ ގިނަ މައްސަލައިގެ ތަހުގީގު ނިންމާފައިވާ ކަމަށާއި އެ މައްސަލަތަކާ ގުޅިގެން މިހާތަނަށް 123,732,662 (123.7 މިލިއަން) ރުފިޔާ އަނބުރާ ހޯދަން އަންގާފައިވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ކޮމިޝަނާއި ފުލުހުންނާ ގުޅިގެން ތަހުގީގުކުރަމުން އަންނަ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގައި މިވަގުތު 37 ތަހުގީގު ހިންގަމުންދާ އިރު، 161 މައްސަލަ އޮތީ ތަޙުޤީޤުކޮށްނިންމައި ގޮތް ނިންމުމުގެ މަރުޙަލާގައިކަން ކަމަށެވެ. އަދި 15 މައްސަލައެއްގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާއެކު ޑިއުޓީ ޕްރޮސިކިއުޝަން ކުރިއަށްދާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
"އެމްއެމްފީއާރުސީގެ މައްސަލަތައް ތަހުގީގު ކުރުމަށްފަހު، އެ މައްސަލަތަކާ ގުޅިގެން، މިހާތަނަށް 123,732,662.00 (ސަތޭކަ ތޭވީސް މިލިއަން ހަތްސަތޭކަ ތިރީސްދެހާސް ހަސަތޭކަ ފަސްދޮޅަސް ދެ ރުފިޔާ) އަނބުރާ ހޯދުމަށް ކޮމިޝަނުން ކަމާ ގުޅުންހުރި ފަރާތްތަކަށް ވާނީ އަންގައިފައެވެ..،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.
އޭސީސީން ބުނީ ކޮމިޝަނުގެ ތަހުގީގުތަކުގައި އަމަލުކުރަނީ ގާނޫނު އަސާސީއާއި، ކޮމިޝަނުގެ ގާނޫނާއި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި ކަނޑައަޅާފައިވާ އުސޫލުތަކާއި، މިންގަނޑުތަކާއި ހަމަތަކުގެ މަތިންކަން ޔަގީންކޮށްދޭ ކަމަށެވެ.
އެ ކޮމިޝަނުގެ ގާނޫނީ މަސްއޫލިއްޔަތު އަދާކުރަނީ، އެއްވެސް ފަރާތެއްގެ ނުފޫޒަށް ލެނބުމެއްނެތި، މިނިވަންކަމާއި މުސްތަގިއްލުކަމާއެކު، ވަކި ފަރާތަކަށް ބުރަނުވެ ގާނޫނީ ހަމަތަކުގެ މަތީން، ކޮމިޝަނުގެ ފަންނީ ގާބިލުކަން ތަންދޭ އެންމެ ބޮޑަށްކަން ފާހަގަކޮށް، އެކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ. އަދި، ކޮމިޝަނުގެ ފަންނީ އަދި އެހެނިހެން ގާބިލުކަން ތަންދޭ އެންމެ މަތީ މިންވަރަކުން ތަހުގީގުތައް އަވަސްކޮށް ފިޔަވަޅު އަޅަމުންގެންދާނެކަމުގެ ޔަގީންކަން ވެސް އަރުވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން އެހެން ބުނެފައިވާ އިރު، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ހެދި އެއްބާރުލުން ދިނުމުގެ އެއްބަސްވުންތައް އުވާލާ ފަރާތްތަކުގެ ތަހުގީގު ކުރިއަށްގޮސްފައިވާ ހިސާބު ހިއްސާކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު އަންގައިފައެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގައި، ވަކި ބައެއްގެ މައްޗަށް ދައުވާނުކުރުމަށް ނިންމާފައިވާ އެއްބަސްވުންތައް ބާތިލުކޮށް، އެ މައްސަލަތަކުގެ ތަހުގީ އަވަސްކޮށް، ހުށަހެޅުމަށް ޕީޖީ އޮފީހުން ވަނީ މިއަހަރުގެ ޖެނުއަރީ 19 ގައި އޭސީސީއަށް އަންގައިފައެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިމެނޭހެން ޖުމުލަ ހަތަރު މީހެއްގެ އިމިއުނިޓީ އެއްބަސްވުން ބާތިލުކުރުމަށް ޕީޖީ އޮފީހުން އޭރު ވަނީ ނިންމައިފައެވެ. އަދީބުގެ އިތުރުން ދެން ހިމެނެނީ މ. ލޭންޑް އޮފް ގާޑެން، އަހުމަދު އިޝްފާހް އަލީ އާއި މ. ސެސްނާ، މުހައްމަދު އައްލާމް ލަތީފް އަދި ގ. އޮއިވާލި، މުހައްމަދު ހުސައިން އެވެ.
ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އެއްބަސްވުންތައް ރައްދުވާ މީހުންގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބު އެ އޮފީހާ މަޝްވަރާކުރުމަށް މިމަހުގެ 8 ގެ ކުރިން ހުށަހެޅުމަށް މިއަދު ވާނީ އޭސީސީއަށް އަންގާފައި ކަމަށެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މައްސަލައެއްގެ ތަހުގީގު ނިންމައި، ދައުވާކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ޕީޖީ އޮފީހުން ބުނެފައެއް ނުވެއެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން