މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗާ ތަރައްގީކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އީޖާދީ ޕޭމަންޓް ހިދުމަތް ތަޢާރަފުކުރުމުގެ ގޮތުން އުފައްދާ "ޕޭމަންޓް މޯލްޑިވްސް"ގެ ލޯގޯ ފަރުމާކުރުމަށް މުބާރާތަކަށް ހުޅުވާލައިފިއެވެ.

އާންމުންނަށް ހުޅުވާލައިފައިވާ އެ މުބާރާތުގައި ޕޭމަންޓް މޯލްޑިވްސް ކުންފުނީގެ ތަސައްވުރު އެއިން ދައްކައިދޭ އަސްލު އަދި އުފެއްދުންތެރި ލޯގޯ ޑިޒައިންތައް ހުށަހެޅުމަށް އެމްއެމްއޭ އިން ވަނީ ހުޅުވާލައިފައެވެ.

އެމްއެމްއޭ އިން ބުނާގޮތުގައި، ހިދުމަތް ލިބިގަންނަ ފަރާތްތައް ބާރުވެރިކުރުވުމާއި، ވިޔަފާރިތައް ކުރިއެރުވުމާއި، އަދި ދިވެހިރާއްޖެ ޑިޖިޓަލް އިގުތިސާދަކަށް ބަދަލުވުމުގެ ތަސައްވުރު އެ ލޯގޯ އިން ފެންނަންވާނެއެވެ.

އެމްއެމްއޭ އިން ބުނީ މުބާރާތުން މޮޅުވާ ފަރާތަށް 30،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބޭނެ ކަމަށާއި ހޮވޭ ލޯގޯ އަކީ ޕޭމަންޓް މޯލްޑިވްސްގެ ރަސްމީ ކޯޕަރޭޓް އައިޑެންޓިޓީ އަށް ވެގެންދާނެ ކަމަށެވެ.

ޑިޒައިންތައް ހުށަހަޅަން ޖެހެނީ މިމަހުގެ 16 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށެވެ. ބައިވެރިވާ ފަރާތްތަކުން އެމްއެމްއޭގެ ވެބްސައިޓުގައި ކުރިއާލާ ރަޖިސްޓަރީކުރަން ޖެހެއެވެ.

ހުށަހެޅޭ ޑިޒައިންތައް ވަޒަންކުރުމަށް ހަމަޖައްސާފައިވަނީ އެމްއެމްއޭ އިން ހޮވާލާ ފަޑިޔާރުންގެ ޓީމަކުންނެވެ. އަދި ވީހާވެސް އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކޮންމެ ހުށަހެޅުމެއް ވެސް ފަނޑިޔާރުންނާ ހަމައަށް ދާނީ ހުށަހެޅި ފަރާތަކީ ކާކުކަން ހާމަނުވާނެ ގޮތަށެވެ.