އަަމާޒަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ދައުރު ނިމުމުގެ ކުރިން ހަންކެޑެ އޮޕަރޭޝަނަށް ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ހަންކެޑެގައި ފަތުރުވެރިކަމުގެ އާ މަޝްރޫއެއް ހިންގެވުމަށް ރައީސް ޑރ. މުއިއްޒު އިއްޔެ ވަނީ ނިންމަވައިފައެވެ.

ރައީސްގެ އެ ނިންމެވުމާއެކު، އައްޑޫ ސިޓީގެ ހަންކެޑެ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމުގެ މަސައްކަތް އަވަސްކުރުމުގެ މަގުސަދުގައި، ސަރުކާރުގެ ޓޫރިޒަމް ރިއަލް އެސްޓޭޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓެއް ހިންގާ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅައި، ހަންކެޑެ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަނަށް ކުއްޔަށް ދިނުމަށް 2 ޑިސެމްބަރު 2021 ގައި އެކަށައެޅުއްވި ގަރާރު ވަނީ އުވައިލައިފައެވެ.

އެކަމާ ގުޅިގެން މިނިސްޓަރު ތޯރިގު މިއަދު އެކްސްގައި ވިދާޅުވީ ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރުމަށް ބަލަންޖެހޭ އެންމެހައި ކަންކަން ބަލައި، ބީލަމުގެ އުސޫލުން ފަތުރުވެރިކަން ތަރައްގީކުރުމަށް ހުޅުވާލުމުގެ އެންމެހައި މަސައްކަތްތައް އެ މިނިސްޓްރީން ކުރިއަށްގެންދާ ކަމަށެވެ.

ތޯރިގު ވިދާޅުވީ އަމާޒަކީ އެ ރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށި، ރައީސްގެ މި ދައުރުގައި އެ ރަށް އޮޕަރޭޝަނަށް ގެނައުން ކަމަށާއި އަދި ހަމައެއާއެކު، އައްޑޫ ސިޓީގެ ހަންކެޑަގެ ބަދަލުގައި އެ އަތޮޅުގެ ދޮންހެރަ (LD1453 ގައިވާ ރަށާއެކު) "ހަލާލް ޓޫރިޒަމް" ތަރައްގީކުރުމަށް އެ މިނިސްޓްރީގެ ފަރާތުން މިއަދު ބީލަމަށް ހުޅުވާނެ ކަމަށެވެ.