ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތައް ލިބިފައިވާތީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ހަމްދަރުދީ ފޮނުއްވައި، ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ފިލިޕީންސްގެ ރަށެއް ކަމަށްވާ ސީބޫގެ އައްސޭރިފަށަށް، އަންގާރަ ދުވަހުގެ ރޭ ރެކްޓަ މިންގަނޑުން 6.9 މެގްނިޓިއުޑްގައި އައި އެ ބިންހެލުމުގައި ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު 69 އަކަށް އަރާފައިވާ ކަމަށާއި އެއަދަދު އިތުރުވާނެ ކަމަށް ބެލެވޭކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ.

ރައީސް "އެކްސް" ގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ފިލިޕީންސްގެ ސަރުކާރާއި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވާ ކަމަށެވެ.

"ދިވެހި ރައްޔިތުން ތިބީ، މި ހާދިސާގައި މަރުވެދިޔަ މީހުންނާއި އެކި ގޮތްގޮތުން ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާ އާއިލާތަކާ އެކުގައި." ރައީސް ވިދާޅުވިއެވެ.

ބިންހެލުމުގައި އަނިޔާވި މީހުންގެ އަދަދު މިހާތަނަށް އަދި ޔަގީންވެފައި ނުވާއިރު ރިޕޯޓުތައް ބުނާގޮތުން ބިންހެލުން އައި ސަރަހައްދުގެ ހޮސްޕިޓަލުތައް ފުރި ފަރުވާ ދިނުމުގައި ދަތިތަކާ ވަނީ ކުރިމަތިވެފައެވެ.

ފިލިޕީންސްގެ ނެޝަނަލް ޑިޒާސްޓަ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް ކައުސިލުން ވަނީ ބިންހެލުން އައި ސަރަހައްދުން 22 އިމާރާތެއް ބޭނުން ނުކުރެވޭ ވަރުވެފައިވާކަމަށް ބުނެފައެވެ.

އެ ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ކުރިއަށެވެ.