ރައްޔިތުން ބޭނުންވަނީ ހުރިހާ ނޭދެވާ އަމަލުތަކެއް ނައްތާލައި، މާނަހުރި ތަރައްގީއެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހަރުގެ ޖަލްސާގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވަނީ ގައުމުގައި ހުރި ނޭދެވޭ ކަންކަން ނައްތާލައި، ޒުވާނުން ދުންފަތުގެ އިސްތިއުމާލުކުރުމާ ދުރުކޮށް، ޖެނެރޭޝަނަލް ބޭންއެއް ތައާރަފުކޮށް، ގައުމު ހަމަމަގުން ގެންދިއުމަށް ކަމަށެވެ.
ރައްޔިތުން ބޭނުންވަނީ ކުރިއަށްއޮތް ޒަމާންތަކަށް ރަނގަޅު ގޮތުގައި ބިނާވެގެންދާނެ، ފިކުރީގޮތުން ވެސް، ޖިސްމާނީގޮތުން ވެސް ތަރައްގީވެފައި އޮތް މުޖުތަމައަކަށް މި ގައުމު ހެދުން ކަމަށް ރައީސް ވިދާޅުވިއެވެ.
"ރައްޔިތުން ބޭނުންވަނީ މާނަހުރި ތަރައްގީ. މާނަހުރި، ދެމެހެއްޓެނިވި ތަރައްގީ. އެއީ އިހުލާސްތެރިކަމާއެކީގައި ހެޔޮ ނިޔަތަކާއެކީގައި ރައްޔިތުންގެ ފަޅީގައި އޮވެގެން މަސައްކަތްކުރާ ސަރުކާރަކުން ވިއްޔާ ކަންކުރަންޖެހޭނެ ގޮތަކީ. އެހެންވީމާ އަޅުގަނޑުމެން މި ގައުމުގައި ރައްޔިތުން ބޭނުންވާތީވެ، މި ގައުމުގައި ވޭޕް ވެސް މަނާކުރީ. މި ގައުމުގެ ރައްޔިތުން ބޭނުމެއް ނުވޭ، މި ގައުމުގެ ޒުވާނުން، ތުއްތުކުދިން ސްކޫލަށް ދާއިރު ދަބަހުން ވޭޕް ފެންނާކަށް، އެ ވޭޕްގެ ތެރޭގައި މަސްތުވާތަކެތި ހުންނާކަށް، ޒުވާނުންނާއި ތުއްތުކުދިން އޭގެތެރެއަށް ގެއްލިގެންދާކަށް ބޭނުމެއް ނުވޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
މިއަދު ފެށި ދިވެހި ވަތަނީ ހިދުމަތް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ގައުމުގައި ގޯސްވަމުން ގޮސްފައި ހުރި، ދިވެހީންގެ ތެރެއިން ހަލާކުވަމުންދިޔަ އިޖުތިމާއީ ފޭރާން ރަނގަޅުކުރުމުގެ އެތައް މަޝްރޫއުތަކެއް ހިންގަމުން ގެންދަވާ ކަމަށެވެ. އަދި އެކަކު އަނެކަކަށް އޮތް އިހުތިރާމު ނެތި، އަބުރަށް އަރައިގަތުމާއި، ހުރިހާ ކަމެއް މި ގައުމުގެ މުޖުތަމައުގައި އިންތިހާއަށް ގޮސްފައި އޮތްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"ހަގީގަތުގައި އަޅުގަނޑުމެންގެ ގައުމުގައި އޮންނަން އަޅުގަނޑުމެން ބޭނުންވަނީ ކުރީގައި އަޅުގަނޑުމެންގެ ތެރޭގައި އޮތް ގޮތް. ކުރިއޭ މި ކިޔަނީ މީގެ ޒަމާންތަކެއް ކުރިން އޮތް ގޮތް. އޭރުގައި އަޅުގަނޑުމެންގެ އިސްރަށްވެހިންނަށް އިހުތިރާމު އަދާކުރާނެ، އަޅުގަނޑުމެންގެ މައިންބަފައިންނަށް އިހުތިރާމު އަދާކުރާނެ، ކުޑަކުދިންނަށް އަޅައިލާނެ، ކައިރީގައި އުޅޭ އަވަށްޓެރިންނަށް އަޅައިލާނެ. ވަރަށް އެކުވެރި، އެކަކު އަނެކަކު ދެކެ ލޯބިވާ ވަރަށް އެއްބައިވަންތަ، އެކުވެރި ގައުމެއްގެ ގޮތުގައި އޮތް ގައުމެއް މިއީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖެއަކީ އިސްލާމްދީނުގައި އޮތް ރީތި ހަމަތަކާއި އާދަތައް އުފަލާއެކީގައި ތަންފީޒުކުރަމުން އައި ގައުމެއް ކަމަށާއި އެހެންވީމާ އެކަން އަނބުރާ ގެންނަން ކޮންމެ ރައްޔިތަކު ވެސް ބޭނުންވާ ކަމަށެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި އެކި ސަބަބުތަކާ ހެދި އެކަންކަން ބީވަމުންދިޔަ ނަމަވެސް، އެކަން ހަމަމަގަށް އެޅުވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު